03 އޮކްޓޯބަރ 2021 - 23:44

ލިވަޕޫލް (އޮކްޓޯބަރު 3) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ބަލިކޮށްގެން އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.
ލިވަޕޫލާއި ސިޓީ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ފުރަތަމަ ހާފުގައި ސިޓީން ފުލުފުލުގައި ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް އެޓީމަށް ޖެހުނީ މެޗުގައި ފަހަތުން އަރައި އެއްވަރު ކުރާށެވެ. ފުރަތަމަ ލަނޑު 59 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ޖެހީ މުހައްމަދު ސަލާހުގެ އެހީތެރިކަމާ އެކު އެވެ. އޭގެ ދިހަ މިނިޓް ފަހުން ސިޓީން އެއްވަރު ކުރީ ގެބްރިއެލް ޖީސަސްގެ އެހީތެރިކަމާއެކު ފިލް ފޯޑެން އެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ 76 ވަނަ މިނިޓުގައި ސަލާހެވެ. ސިޓީ އަށް ދެވަނަފަހަރަށް ނަތީޖާ އެއްވަރު ކުރީ 81 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ޖެހި ލަނޑުންނެވެ.
މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ލެސްޓާ ސިޓީން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފައި ވަނިކޮށް ކްރިސްޓަލް ޕެލަސް ވަނީ ދެވަނަ ހާފުގައި ދެ ގޯލު ޖަހާ އެއްވަރު ކޮށްފަ އެވެ. ބްރެންޓްފޯޑުން ފަހު ސިކުންތުގައި ލަނޑުޖަހައި 2-1 އިން ވެސްޓް ހޭމް ބަލިކުރިއިރު، ޓޮޓެންހަމް ވަނީ އެސްޓަން ވިލާ 2-1 އިން ބަލިކޮށް މުހިއްމު މޮޅެއް ހޯދައިފަ އެވެ.
ހަތް މެޗު ކުޅެ ނިމުނުއިރު ޗެލްސީ އެއްވަނައިގައި އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 15 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ސިޓީ އާއި ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ފަސްވަނައިގައި އޮތް އެވަޓަން އާއި ހަވަނައިގައި އޮތް ބްރައިޓަން އަށް ވެސް ލިބެނީ 14 ޕޮއިންޓެވެ.
ލިވަޕޫލަކީ މިހާތަނަށް މިސީޒަނުގައި އިނގިރޭސި ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ.