އިންޑިއާ އިން "ހީރާމަންޑީ" ހަދާތީ ޕާކިސްތާނުގެ ބަތަލާއަކު ފާޑު ކިޔައިފި
އިންޑިއާ އިން "ހީރާމަންޑީ" ހަދާތީ ޕާކިސްތާނުގެ ބަތަލާއަކު ފާޑު ކިޔައިފި

އިންޑިއާ ދެ ބައިވެ، ޕާކިސްތާން ގައުމެއްގެ ގޮތުގައި އުފަންވުމުގެ ކުރިން ލާހޯރްގައި އުޅުނު ޖާރިޔާއިން ތަކެއްގެ ވާހަކަ ކިޔައިދޭ ސީރީޒެއް "ހީރާމަންޑީ" ގެ ނަމުގައި އިންޑިއާގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދާތީ އެކަމަށް ޕާކިސްތާންގެ ބަތަލާ އެކު ފާޑުކިޔައިފި އެވެ.

އެ ސީރީޒާ ބެހޭ ގޮތުން ވެރައިޓީން ގެނެސްދީފައިވާ އާޓިކަލެއްގެ ލިންކްކޮށް ޕާކިސްތާނުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ އުޝްނާ ޝާހް ކުރި ޓްވީޓްތަކެއްގައި ބުނީ ބަންސާލީ ކިޔައިދޭން އުޅޭ ވާހަކަ އަކީ ހަގީގަތުގައި ޕާކިސްތާނުގެ ވާހަކައެއް ކަމަށެވެ. އެހެންވެ އިންޑިއާ އިން "ހީރާމަންޑީ" ހެދުމަކީ އޭގެ އަސްލު އޮޅޭނެ ކަމެއް ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑިއާ އަކީ މުއްސަނދި ސަގަފަތާއި ވަސީލަތްތައް ގިނަ ތަނަކަށް ވިޔަސް "ހީރާމަންޑީ" ހެދުމަކީ އެ ގައުމުން ކުރަން ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ލާހޯރަކީ ޕާކިސްތާންގެ ތަނަކަށްވުމެވެ. އުޝްނާ، 31، ގެ އިތުރު ޓްވީޓެއްގައި ބުނީ އިންޑިއާ އިން އެ ސީރީޒް ހެދުމަކީ ޕާކިސްތާންގެ ޑައިރެކްޓަރަކު އިންޑިއާގެ މަޝްހޫރު ހުރާފީ ވާހަކަ "މަހާބާރަތު" ހެދުން ކަހަލަ ކަމެއް ކަމަށެވެ.

އުޝްނާގެ މި ޓްވީޓްތަކާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު އޭނާ އަށް ރައްދު ދީފައިވެ އެވެ. އަދި އެ ސީރީޒަކީ އިންޑިއާ ބައިބައިވެ ޕާކިސްތާން ވުޖޫދަށް އައުމުގެ ކުރިން އިންޑިއާގައި ހިނގާފައިވާ ކަމަކަށް ބިނާކޮށް ހަދާ އެއްޗަކަށްވާތީ އުޝްނާގެ ވާހަކައިގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ވަރަށް ގްރޭންޑްކޮށް "ހީރާމަންޑީ" ހަދާކަން ބަންސާލީގެ ފިލްމު ކުންފުނިން އިއުލާންކުރީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަމަކު މިއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

"ހީރާމަންޑީ" އަކީ ބަންސާލީ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒެވެ. މި ޑައިރެކްޓް ކުރަނީ އޭނާ އާއި ވިބޫ ޕޫރީ އެވެ.