05 ޑިސެމްބަރ 2016 - 06:28

ފިލްމީ ތަރިންގެ ތެރެއިން ޓީވީގައި ރަސްކަން ކުރަނީ ސަލްމާން ޚާނެވެ. ކަލާޒް ޗެނަލްގެ "ބިގް ބޮސް"ގެ ގިނަ ސީޒަންތަކެއް އޭނާ ހޯސްޓްކޮށްދީފައިވާއިރު ކޮންމެ އެޕިސޯޑަކަށް އެތައް މިލިއަން ރުފިޔާއެއް ލިބެ އެވެ. މީގެ އިތުރުން ޓީވީ ބަލާ ބޮޑި އޯޑިއަންސެއްގެ ލޯތްބާއި ތާއީދު ވެސް ސަލްމާނަށް ދަނީ އޮހެމުންނެވެ.
ފަހަރުގެ ޚަބަރުތައް ބުނާ ގޮތުން ޓީވީގައި އެންމެ މަގްބޫލު ބޮލީވުޑް އެކްޓަރުގެ މަގާމަށް ސަލްމާނާ ވާދަކުރަން އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ފިލްމީ ތަރި އައިޝްވަރިޔާ ރާއީ އަންނަނީ ތައްޔާރުވަމުންނެވެ.
ސްޓާ ޕްލަސް އިން އަލަށް ފަށާ ލަވަކިއުމުގެ ރިއަލިޓީ ޝޯ "ދިލް ހޭ ހިންދުސްތާނީ" ގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން އައިޝްވަރިޔާ ބައިވެރިވާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް އެ ޔަގީންކަން އޭނާ އަދި ދީފައި ނުވާ ކަމަށް ވެއެވެ.
ޝޯގައި އައިޝްވަރިޔާ ބައިވެރިވާނީ ފަސް ވަނަ ފަނޑިޔާރުގެ ގޮތުގަ އެވެ. މި ޝޯގެ އަނެއް ހަތަރު ފަނޑިޔާރުންނަކީ މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އާއި މިއުޒިކް ޑައިރެކްޓަރު ޝޭކަރް ރާޖިވާނީ އަދި ލަވަކިޔުންތެރިން ކަމަށްވާ ބާދްޝާހް އާއި ޝަލްމަލީ ކޮލްގަޅޭ އެވެ.
މި ޝޯ އުފައްދާ ޕްރޮޑިއުސަރުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ޝޯގައި އައިޝްވަރިޔާ ބައިވެރިކުރެވޭތޯ އެމީހުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ހުށަހެޅުމާ މެދު އައިޝްވަރިޔާ ވިސްނަމުން ދިޔަ ނަމަވެސް ޔަގީންކަން އަދި ނުދޭ ކަމަށް އޭނާ ބުންޏެވެ.
ކަރަން ޖޯހަރް އާއި އައިޝްވަރިޔާ އަކީ ވަރަށް ގާތް ދެ ރައްޓެހިންނަށް ވާތީ ކަރަން މެދުވެރިކޮށް ވެސް އައިޝްވަރިޔާ އެއްބަސް ކުރުވަން އަންނަނީ މަސައްކަތްކުރަމުންނެވެ.
މީގެ ކުރިން އެއްވެސް ޓީވީ ޝޯއެއްގައި އައިޝްވަރިޔާ ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް މިހާރަކަށް އައިސް ހުރިހާ ފިލްމީ ތަރިން ކަހަލަ ގޮތަކަށް ޓީވީ ޝޯތައް ހުށަހަޅާތީ އައިޝްވަރިޔާގެ ވިސްނުން ވެސް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ.