04 ޑިސެމްބަރ 2016 - 13:21

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި ހަ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ފަސް ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިއަ އޮކްޓޯބަރާއި ނޮވެމްބަރު މަހު ހައްޔަރުކުރި މީހުންގެ ތެރޭގައި ތިން ފިރިހެނަކާއި ދެ އަންހެނުން ހިމެނޭ ކަމަށެވެ.
ފުލުހުން ބުނީ މިދިއަ މަހު 23 ގައި ޔޫއެލް އިން އަައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ ހަޝިޝް އޮއިލް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުގަނޑު ފެނިގެން ކަމަށެވެ. އުމުރުން 21 އަދި 25 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރީ، ފުލުހުން ބުނި ގޮތުގައި، ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަންގައި ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.
ނޮވެމްބަރު 21 ގައި 26 އަހަރުގެ އަންހެނަކު ހައްޔަރުކުރީ އިންޑިއާ އިން އައިއިރު ފޮށި ތެރެއިިން ފަސް ޕެކެޓު މަސްތުވާތަކެތި ފެނިގެންނެވެ. އެ ތަކެތީގެ ބަރުދަނުގައި 2.7 ކިލޯ ހުއްޓެވެ.
އުމުރުން 27 އަހަރުގެ އަންހެނަކު އޮކްޓޯބަރު 29 ގައި އެއާޕޯޓުން ހައްޔަރުކުރީ ބޭރުން އައި އިރު އޭނާގެ ފޮށިން އެއް ކިލޯގެ މަސްތުވާތަކެތި ފެނުމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި ފަސް މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށެވެ.