ގައުމީވަންތަކަމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން
ގައުމީވަންތަކަމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން

އިންސާނުންނަކީ އެކަކުއަނެކަކާ އެތައް ހައިސިއްޔަތުތަކަކުން ގުޅިފައިވާ މަޚްލޫޤުން ތަކެކެވެ. މިގޮތުން އެންމެ ދުރުން ފެށިގެން ބަލާނަމަ އެންމެ ފުރަތަމަ އިންސާނިއްޔަވަންތަ ގުޅުމެވެ. މި ގުޅުމަކީ ވަރަށް މުހިންމު ގުޅުމެކެވެ. ކީރިތި ޤުރުއާނުގައި "އޭ މީސްތަކުންނޭ" މިފަދައިން އެތައް އާޔަތެއްގައި މުޚާޠަބު ކުރެ އެވެ. އަދި "އައްނާސް"، އެބަހީ މީސްތަކުން، މިލަފުޒު 200 އަށް ވުރެ ގިނަ ފަހަރު ވާރިދުވެފައިވެ އެވެ.

ދެވަނަ ގުޅުމަކީ ގައުމިއްޔަވަންތަ ގުޅުމެވެ. މީސްތަކުންކުރެ ވަކި ބަޔަކު، އެމީހުން އުޅޭ ތަނުގެ ގޮތުންނާއި ވާހަކަދައްކާ ބަހުގެ ގޮތުންނާއި އެންމެން ބައިވެރިވާ އެތައް ބަހާތަކެއް ހިމެނޭ މަޞްލަޙަތުތަކެއް ގައުމިއްޔަވަންތަ ގުޅުމުގައި ހިމެނެ އެވެ. މިއީ ވެސް މުހިންމު ގުޅުމެއްކަން "ޤައުމު" މި ލަފުޒާއި މިލަފުޒުން އުފެދިފައިވާ ބަސްތައް ކީރިތި ޤުރުއާނުގައި 340 ފަހަރަށް ވުރެ ގިނައިން އައިސްފައި ވުމުން ހާމަވެގެން ދެ އެވެ.

ތިންވަނަ ގުޅުމަކީ ދީނީ ގުޅުމެވެ. އެއީ ދީނީ ގޮތުން އެއް ދީނަކަށް ތަބާވާތީ އުފެދޭ ގުޅުމެވެ. މުސްލިމުން ނަމަ އިސްލާމީ ގުޅުމެވެ. ޝަހާދަތުގެ ދެކަލިމަ ހިތުން ތެދުކޮށް ދުލުން ކިޔައިފި ކޮންމެ މީހަކީ އެފަދަ އަނެއް މީހަކާ މި ގުޅުން އޮންނާނެ މީހެކެވެ. ކޮންމެ ތަނެއްގައި އުޅުނަސް އަދި ކޮންމެ ބަހަކުން ވާހަކަދެއްކި ނަމަވެސް މެއެވެ. އެހެންކަމުން މުސްލިމަކަށް ބަލާއިރު އިންސާނުން އެކަކު އަނެކަކާ ތަފާތު ހައިސިއްޔަތު ތަކުން އޮންނަ އެހެން ހުރިހާ ގުޅުންތަކަށްވުރެ މިގުޅުން ވަރުގަދަވާނެ އެވެ. ސަބަބަކީ މިގުޅުން ބިނާވެފައިވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ދެކެ ލޯބި ވުމުގެ މައްޗަށެވެ. އަދި މިލޯބި އެހެން ހުރިހާ ބަޔެއްގެ މައްޗަށް އޮންނަ ލޯތްބަށް ވުރެ ވަރުގަދަވާން ޖެހެ އެވެ. މިކަން އައްތައުބާ ސޫރަތުގެ 24 ވަނަ އާޔަތުން އެނގެ އެވެ. ނަމަވެސް މީގެ މާނައަކީ އެހެންގުޅުންތައް ނުބޭއްވުމެއް ނޫނެވެ. އެކަމަކު މިގުޅުމާއި އެހެން ގުޅުންތަކުގެ މެދުގައި ފުށުއެރުމެއް އަންނަ ހިނދު އެހެން ގުޅުންތަކުގެ މައްޗަށް މިގުޅުން ވަރުގަދަ ކުރުމެވެ. ވީމާ މިގުޅުމަށް އުނިކަމެއް ނުލިބޭނެ ގޮތުގައި އެހެން ގުޅުންތައް ދެމެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ.

ހަތަރުވަނަ ގުޅުމަކީ ވަކި މަސްލަހަތު ތަކަކަށްޓަކައި މަސައްކަތް ކުރާ ޖަމާޢަތަކަށް ނިސްބަތްވުމުން އުފެދޭ ގުޅުމެވެ. މި ގުޅުމުގައި މި ދެންނެވި މަސްލަހަތުތައް ރައްކާތެރި ކުރަން ޖަމާއަތުގެ ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.

އިންސާނުންގެ ގުޅުންތަކުގެ ތެރެއިން ފަސްވަނަ ގުޅުމަކީ އޭނާއާ އެންމެ ކައިރިން އުފެދޭ ގުޅުން ކަމުގައިބާ ޢާއިލީ ގުޅުމެވެ. މިއީ އިންސާނެއްގެ ހަޔާތުގައި އެ ގުޅުމުގެ މައްޗަށް ވަރަށް ގިނަކަންތައްތަކެއް ތަރުތީބު ވެފައިވާ ގުޅުމެކެވެ. މިހެންވެ މިގުޅުން ފުރިހަމަ ގޮތުގައި އިންތިޒާމު ކުރެވި ދެމެހެއްޓިގެން ދިއުމަށްޓަކައި އިސްލާމްދީނުގައި ވަރަށް ގިނަ ޙުކުމްތަކެއް އައިސްފައިވެ އެވެ. މިގޮތުން މައިންބަފައިންނާއި ދަރިންނާއި އަނބިފިރިންނާ ގުޅުން ހުރި އިޖުމާލީ ގިނަ ހުކުމްތަކަކާއި ބައެއް ކަންކަމުގައި ވަރަށް ތަފްސީލީ ހުކުމްތައް ޤުރްއާނާއި ސުންނަތުގައި ބަޔާންކުރެވިފައިވެ އެވެ.

މި ދެންނެވި ގުޅުންތަކުގެ ތެރެއިން މި ލިޔުމުގައި އިތުރަށް ތަފްސީލު ކޮށްލަން ބޭނުންވަނީ ގައުމިއްޔަވަންތަ ގުޅުމާ ބެހޭގޮތުންނެވެ. މިގޮތުން ގައުމިއްޔަވަންތަ ގުޅުން ދަމަހައްޓައި ގައުމުދެކެ ލޯބިވުމަކީ ދީނީ ނަޒަރުން ބަލާއިރުވެސް ކޮންމެހެން ލާޒިމު ކަމެކެވެ. ގައުމުދެކެ ލޯބި ނުވާނަމަ ގައުމުގެ ރުކުންތައް ގެއްލިގެން ދާނެއެވެ.

ގައުމެއްގެ ރުކުންތަކަކީ އެ ގައުމެއްގައި ދިރިއުޅޭ ބަޔަކު ބައިވެރިވާ ބަހާ ތަކެވެ. މިސާލަކަށް އެބަޔަކު ވާހަކަދައްކާ ބަހާއި، އެބައެއްގެ ދީނާއި، އެބައެއްގެ ސަގާފަތާއި އާދަކާދަތައް ފަދަ ކަންތަކެވެ. ގައުމުގައި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށްޓަކައި މިފަދަ ރުކުންތައް ގެއްލުނަ ނުދީ ހިފަހައްޓަން މަސައްކަތްކުރަން ޖެހޭނެ އެވެ. ވަކިން ޚާއްޞަކޮށް މިކަންކަމުގައި އެއް ގައުމެއްގައި ތަފާތުތައް މަދުވި ވަރަކަށް މި ރުކުންތައް ދަމަހައްޓަން އިސްކަމެއް ދޭން ޖެހެއެވެ. އެއީ އެއްބައިވަންތަކަން ވަރުގަދަ ކުރުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.

ގައުމިއްޔަވަންތަ ގުޅުން ދަމަހައްޓަން މަސައްކަތް ކުރާއިރު އިސްލާމީ ގައުމުތަކުގެ އަހުލުވެރިން މައިގަނޑު ދެކަމެއް ހިމާޔަތް ކުރަން ޖެހެ އެވެ. އެއީ މަޙައްލީ ނުވަތަ ލޯކަލް ވަޠަނިއްޔަ (ގައުމިއްޔަ) ވަންތަކަމާއި އިސްލާމީ އުންމަތްވަންތަކަމެވެ. މި ދެކަންތައް ހިމާޔަތް ނުކުރެވިއްޖެ ނަމަ ދިމާވެދާނެ މައްސަލަތައް ތާރީޚުގެ ތެރެއަށް ކުޑަކޮށް ވެސް ނަޒަރު ހިންގާލައިފި ނަމަ ފެނިގެންދާނެ އެވެ. ތާރީޚުގައި މިދެންނެވި ފަދަ މައްސަލަތައް މެދުވެރިވެފައި ވަނީ ވަޠަނީ އަދި ދީނީ ލޯބި ނެތުމުގެ ސަބަބުންނެވެ. އެ ލޯބި ނެތުމުގެ ސަބަބުން ބަހަށާއި ސަގާފަތަށާއި ދީނަށް ލޯތްބެއް ނޯވެ އެވެ. ނަތީޖާއަކީ ބަހަށް ނުވަތަ ސަގާފަތަށް ނުވަތަ ދީނަށް އުނިކަން ލިބޭ ކޮންމެ ކަމެއް ކުރެވިގެން ދިޔަސް ތިމާއަށް އެކަންކަން އެއްވެސް ކަމަކަށް ނުވުމެވެ. އަދި ގައުމަށްޓަކައި އެއްވެސް ޣީރަތްތެރިކަމެއް ނެތުމެވެ. އެ ގައުމުގެ އެންމެންގެ މެދުގައި އޮންނަންޖެހޭ ވަޙުދަތަށް އެއްވެސް ބުރަދަނެއް ނުދިނުމެވެ.

ދިވެހިންނަކީ މުސްލިމުންނަށްވީ ހިނދު އިސްލާމީ އުންމަތުގެ އަސާސީ ސިފަތަކަށް ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ދެންނެވި އަސާސީ ސިފަތަކަކީ ގައުމިއްޔަތު ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރު ލިބެނިވި ސިފަތަކެކެވެ. މިގޮތުން އެއް ސިފައަކީ ވަޙުދަތެވެ. އާދެ، އެކައްޗަކަށް ވުމެވެ. ނުވަތަ އެއްބައިވަންތަ ވުމެވެ.

ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މުސްލިމުންނަކީ އެއް އުންމަތެކެވެ. ތަފާތު ފަންތިތަކާއި ތަފާތު ގަބީލާތަކާއި ތަފާތު ކުލަތަކުން އެ އުންމަތް އެކުލެވިގެންވީ ނަމަވެސް އެއީ ހަމަ އެއް އުންމަތެކެވެ. އެހެނީ އިސްލާމްދީނުގެ ސަބަބުން އެ އެންމެން އެއް ތައްގަނޑަކަށް އެޅި ގިނަ ތަފާތުތައް ނައްތާލެވިގެން ދާތީ އެވެ. އަދި ވަކިވުމެއް ނުވާނެފަދައިން ވަރުގަދަ ބަނދެވުމަކުން އެބައިމީހުން ބަނދެވިގެން ދާތީ އެވެ. (އަލްއަންބިޔާއު 29، އަލްމުއުމިނޫން 25).

އިސްލާމީ އުންމަތް އެއް އުންމަތަކަށް ވަނީ އެ އުންމަތުގެ ޢަޤީދާއާއި ޝަރީޢަތް އެކައްޗަކަށް ވާތީ އެވެ. އެ އުންމަތުގެ އަމާޒު އެކައްޗަކަށް ވާތީއެވެ. އެ އުންމަތުގެ މަންހަޖު އެކައްޗަކަށް ވާތީއެވެ. މި ސަބަބުތަކަށްޓަކައި ތަފާތު މަގުމަގުން ނުގޮސް މާތް ﷲ ގެ ސީދާ މަގުން ހިނގުމަށް އެކަލާނގެ އަންގަވާފައިވެ އެވެ. (އަލްއަންޢާމް 351).

އިސްލާމީ އުންމަތަށް ތަބާވާ މީހުންގެ ކަލާނގެއަކީ އެއް ކަލާނގެއެކެވެ. މާތް ﷲ އެވެ. ނަބިއްޔަކީ އެއް ނަބިއްޔެކެވެ. މުޙައްމަދު ﷺ އެވެ. ދުސްތޫރަކީ އެއް ދުސްތޫރެކެވެ. ކީރިތި ޤުރުއާނެވެ. ޤިބުލައަކީ އެއް ޤިބުލައެކެވެ. ކަޢުބަތުﷲ އެވެ. ޝަރީޢަތަކީ އެއް ޝަރީޢަތެކެވެ. އިސްލާމީ ޝަރީޢަތެވެ. ވަޠަނަކީ އެއް ވަޠަނެކެވެ. ދާރުލް އިސްލާމް އެވެ. ވެރިކަމަކީ އެއް ވެރިކަމެކެވެ. މިވެރިކަން ތަމްސީލު ކުރަނީ ކުރީގެ ޒަމާނުގައި ނަމަ މުސްލިމުންގެ ޚަލީފާއެވެ. ނުވަތަ އަމީރެވެ. މިޒަމާނުގައި ނަމަ ތަފާތު ގައުމުތަކުގެ ވެރިންނެވެ. އެއީ ކުރީ ޒަމާނާ އަޅާ ކިޔާ ނަމަ އެ ޒަމާނުގައި އެކި ވިލާޔަތް (ޕްރޮވިންސް) ތަކަށް ކަނޑައެޅިފައި ތިބި ވާލީން (ގަވަރުނަރުން) ނާ އެއްފަދަ އެވެ. އެހެންކަމުން މުސްލިމުންގެ ތަފާތު ގައުމުތަކެއް އޮތަސް މިއީ ތަފާތު އުންމަތްތަކެއް ނޫނެވެ. އެއް އުންމަތެކެވެ. ތަފާތު ރައްޔިތުންތަކެއް އެކުލެވޭ ތަފާތު ގައުމުތަކެއްގެ އެއް އުންމަތެކެވެ. މި އުންމަތް ރޫޅި ވަކިވަކި ވެގެންނުވާނެ އެވެ. މާތް ﷲ ގެ މަގުގައި އެންމެން ހިފަހައްޓަން ޖެހޭނެ އެވެ. މިކަން އާލްޢިމްރާނު ސޫރަތުގެ 103 ވަނަ އާޔަތާއި އެސޫރަތުގެ 105 ވަނަ އާޔަތުން ވަރަށް ސަރީހަކޮށް އެނގެއެވެ.

ނަމަވެސް މިތަނުގައި ހަނދާންކޮށްލަން ޖެހޭ ނުކުތާއަކީ އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމުގައިވިއަސް އެ އުންމަތަކީ ތަފާތު ރައްޔިތުންތަކަކުން އުފެދިފައިވާ އުންމަތެއް ކަމެވެ. އެހެންކަމުން ކޮންމެ ބަޔަކަށްވެސް އެބަޔަކަށް އޮންނަ ޚާއްޞަ ކަންތައްތައް އިސްލާމްދީން ނަފީ ނުކުރެއެވެ. ކޮންމެ ބަޔަކަށްވެސް އެބަޔަކު އެކަންކަމެއްގެ މައްޗަށް ފަޚުރުވެރިވާ އެބައެއްގެ ޚާއްޞަ ކަންތައްތަކެއް ހުންނާނެ އެވެ. އެހެން މީހުންނަށް ވުރެ އަމިއްލަ ޢާއިލާ ދެކެ ލޯބިވާ އުސޫލުން އަމިއްލަ ގައުމު ދެކެ ވެސް ލޯބިވާން ޖެހޭނެ އެވެ. ކީރިތި ރަސޫލާ ﷺ އިސްލާމް ދީނުގެ ދިފާޢުގައި ކުރެއްވެވި ހަނގުރާމަ ތަކުގައި ތަފާތު ޤަބީލާތަކުގެ މީހުން އެމީހުންގެ ޤަބީލާގެ ނަމުގައި ޤަބީލާގެ ދިދަ ހިފައިގެން ހަނގުރާމައަށް ނުކުތުން ހުއްދަ ކުރެއްވި އެވެ. އެހެނީ ޤަބީލާއަށް އޮންނަ ލޯބީގައި ޤަބީލާއަށް ހުތުރުނަމެއް ލިބުނަ ނުދިނުމަށްޓަކައި މަސައްކަތްކުރަން އޭރުން ހިތްވަރު ލިބޭނެތީ އެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ފައިދާ މުޅި އިސްލާމީ އުންމަތަށް ލިބުނެވެ.

ވީމާ ﷲ އާއި އެކަލާނގެ ރަސޫލާއަށް އޮންނަ ލޯތްބާ ތައާރުޒު ނުވާ ކޮންމެ ހާލަތެއްގައި ތިމާގެ ގައުމު ދެކެ ލޯބިވެ ގައުމަށްޓަކައި މަސައްކަތް ކުރުމަކީ އިސްލާމްދީން މަނާކުރާކަމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ އިސްލާމްދީން ހިތްވަރުދޭ ކަމެކެވެ.