މަދަދު އެދެމޭ ހިތާއޭ...
މަދަދު އެދެމޭ ހިތާއޭ...

ބުދަ ދުވަހާ ގުޅޭ

"ޖަވާބެއް ދޭންވާނެ!" އަހަރެން އެދުނީމެވެ.

"ނަސީރަކަށް ނޭނގޭނެ އަހަންނަކީ ކާކުކަމެއް،" އަޒްލިފާ އެހެން ބުނީ އެއީ ވަރަށް ބޮޑު މައްސަލައެއްހެން ހީވާ ކަހަލަ ރާގެއްގައެވެ. "ފުރަތަމަ މި ކޮޅަށް އައިސް އަހަންނާ މީޓުކޮށްލަންވީނު. ކިހިނެއް އެނގެނީ ހިޔާލު ބަދަލުނުވާނެކަމެއް."

އަޒްލިފާގެ ބޮޑު އައިބެއް ހުރީ ހެއްޔެވެ؟ އެންމެ ފުރަތަމަ ވެސް އަހަރެން ހިތަށްއެރި އެއްޗަކީ އެއީއެވެ. ފޮޓޯއިން އެ ފެންނަނީ އަޒްލިފާގެ އެހެން ސިފައެއް ހެއްޔެވެ؟ އެހެން އަހަން ކެރޭނީ ކާކަށް ހެއްޔެވެ؟ އަހަރެން ވިސްނީ އެންމެ ގޯސްކޮށެވެ. ސުވާލަކީ އަޒްލިފާގެ މައްސަލައެއް ހުރިތޯ ނުވަތަ ނެތްތޯއެއް ނޫނެވެ. ސުވާލަކީ، ފެންނަ މަންޒަރެއްގެ ސަބަބުން އަހަރެންގެ ނިންމުމަށް ބަދަލުގެންނާނެތޯ ނުވަތަ ނޫންތޯއެވެ. ހަގީގަތަކީ، އަހަންނަށް ގޮތެއް ނުނިންމުނުކަމެވެ.

ރޭގަނޑު ހަތަރުދަމު ވިސްނުމަށް ފަހުގައި އަހަރެން ނިންމީ އަޒްލިފާޔާ ބައްދަލުކުރާށެވެ. ހިތް ނުރުހިއްޖެއްޔާ ނީންނާނީއެވެ. ނީނދެ އެހީވެވޭ ގޮތަކަށް އެހީވާނީއެވެ. އަމިއްލަ ނަފުސާ މުހާތިބުކޮށް މަޑުމަޑުން ބުނެވުނެވެ. ހިތާއެވެ. މި ފަހަރު ވެސް އަހަރެންނަށް މަދަދުކޮށްދޭން ވާނެއެވެ. ކިތަންމެ ހިތްހަމަނުޖެހޭ މަންޒަރެއް ފެނުނަސް އަޒްލިފާ މަތިން އަހަރެން ފޫހިނުކުރުވައްޗެވެ. ކުދިންގެ ހައްގުން އެ ކުދިން މަހުރޫމުނުކުރައްޗެވެ. ލޯބީގެ ދޮރު ތަޅުލެވިއްޖެއްޔާ ހަމުދަރުދީގެ ދޮރު ތަންމިނަށް ހުޅުވައިލަދެއްޗެވެ.

ބޮޑު ޗުއްޓީޔާ ދިމާކޮށް، އޮފީހުން ޗުއްޓީ ނަގައިގެން އަޒްލިފާގެ ރަށަށް އަހަރެން ފުރީމެވެ. ހިތް ރަމަތައެއް ނުކުރެވުނެވެ. މަތިންދާބޯޓުގައި އިން އިރު ވެސް، ކޮންމެ ތިން ވިންދަކުން އެއް ވިންދު އުނިކޮށްލާހެން ހީވިއެވެ. އެކި ހާލަތާ ގުޅޭ ގޮތަށް އެކި ޖަވާބު ތައްޔާރުކޮށް، ހިތުގެ އެކި ވަތްގަނޑުގައި ރައްކާކުރީމެވެ. ވަގުތުން އަތްމަތިކުރެވޭ ގޮތަށެވެ. ހިތަށްއެރިއެވެ. ބައްދަލުނުވަނީސް އަހަރެން އިންނަން އެހީ ކީއްވެގެން ހެއްޔެވެ؟ އެއީ މީހުން ކުރާ ކަންތައް ހެއްޔެވެ؟ ފޮޓޯއިން ފެންނަނީ އަޒްލިފާ ކަމަށް އަހަރެންގެ ހިތް މާ ބޮޑަށް ގަބޫލުކުރީއެވެ. ވީ ގޮތަކީ އެއީއެވެ.

ރަށުގެ އެއާޕޯޓުން ނުކުމެ ޓެކްސީއަކަށް އެރީމެވެ. އަޒްލިފާގެ ގެއާ ދިމާއަށް ދަތުރު ފެށީމެވެ. ޓެކްސީ މަޑުކޮށްލީ ވަރަށް އާދައިގެ ފެންވަރެއްގެ ގެއެއްގެ ދޮރުމައްޗަށެވެ. ދޮރުމަތީގައި ވަރަށް ޒުވާން، ރީތި އަންހެންކުއްޖަކު ހުއްޓެވެ. އަޒްލިފާ އެހާ ޒުވާން ހެއްޔެވެ؟ ޔަގީނުން ވެސް މޫނު ވައްތަރެއް ނޫނެވެ. ޓެކްސީ މަޑުކޮށްލުމާ އެކު އެ ކުއްޖާ ގޮސް، ކުރިމަތީގައި ހުރި ގެއަށް ވަނެވެ. އަހަރެން ދަބަސް ހިފައިގެން ޓެކްސީން ފޭބީމެވެ. ގެއަށް ވަނީމެވެ. ގޯތިތެރޭގައި، އުމުރުން ދުވަސްވީ އަންހެނަކު ކުނިކަހަން އޮތެވެ. ތަންކޮޅެއް ދުރުގައި ދެ ކުދިން ކުޅެން ތިއްބެވެ. ކުނިކަހަން އޮތް މީހާ ތެދުވެފައި އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެންގެ ހިތެކޭ ބާނައިފައި ވަތަށް އެއްލައިފައި އޮތް ލައްޓިއެކޭ އެއްފަދައެވެ. އެ މީހާ ހިނިތުންވެލިއެވެ. އަހަރެން ސަލާން ގޮވުމުން އޭނަ ސަލާން ބަލައިގަތެވެ.

"އަޒްލިފާ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"ދަރިފުޅާ އަޒްލިފާ!" އޭނަ ގޮވައިލިއެވެ.

އަހަރެން ފުން ނޭވައެއް ބޭރުކޮށްލީމެވެ. އެކަމަކު ދެން އެތެރެއަށް ލީ ނޭވާ އަރުތެރޭގައި ތާށިވި ކަހަލައެވެ. އަޒްލިފާ ފެނުމުންނެވެ. އޭނަ ހުރީ ފޮޓޯގައި ހުރި ގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ފަތްމިންޏެއް ނޫނެވެ. އެހެނަސް ރީތި ކުއްޖެކެވެ. އެންމެ ރީތީ އޭނަ ހީނލާ ގޮތެވެ. އެއީ އަހަރުމެންގެ ހަތަރުކަޅި ބައްދަލުވި ފުރަތަމަ ފަހަރެވެ.

"އާދެ ސައިބޯން!" އަޒްލިފާ އެދުނެވެ.

"އެއީ ދޯ އަޒްލިފާގެ ދެބެން؟" އަހަރެން ސުވާލުކުރީމެވެ.

އަޒްލިފާ ބޯޖަހައިލުމުން އަހަރެން ފުރަތަމަ ދިޔައީ އެ ދެކުދިން ކައިރިއަށެވެ. ގެނައި ހަދިޔާ ކުދިންނަށް ދިނުމަށް ފަހުގައި، އަޒްލިފާޔާ އެކުގައި ގެއަށް ވަނީމެވެ. ސައިބޯން ހުރީ ހެދިކާއެވެ. އަހަންނަކީ ހެދިކާ މީރު މީހެކެވެ.

"ސައި ރަނގަޅުތަ؟" ރަކި ހިނިތުންވުމަކާ އެކު އަޒްލިފާ އެހިއެވެ.

"ހުސްނޫ ބަޖިޔާޔާ ސާޓަނު ގުޅަ ނަގާފަ ދެން އެންމެ މީރު ގުޅަ ބަޖިޔާ މި ކެވުނީ،" އަހަރެން ތެދަށް ބުނީމެވެ. "އަޒްލިފާގެ މެޖިކްތަ މީ؟"

"އަހަންނާ މަންމަގެ،" ހީނގެންފައި އަޒްލިފާ ބުންޏެވެ. "ދެން ބުނޭ! ބޭނުންތަ އަހަންނާ އިންނަން؟ މީ އަހަރެންގެ ފެންވަރު. އަހަރެން ބޭނުން ނަސީރަށް ދައްކަން."

އަޒްލިފާގެ މަގުސަދު އަހަންނަށް އެނގުނީ އެ ހިސާބުންނެވެ. އޭނަގެ ގެއަކީ، އަހަރެން ހީކުރި ވަރަށް ވުރެ ވެސް އާދައިގެ ގެއެކެވެ. ވަގުތުން އަޒްލިފާގެ ގެ ހަދައިދީ، ދެން ވެސް ހުރި ހުރިހައިކަމެއް ހަމަޖައްސައިދެވޭ ވަރަކަށް އަހަރެން އަތަކު ފައިސާއެއް ވެސް ނެތެވެ. ހިތަށްއެރިއެވެ. މަޑުމަޑުން ކުރަމުން ގޮސް ހުރިހައި ކަމެއް އަޒްލިފާއަށް ކޮށްދޭނަމެވެ. އެ ކަމަކަށް ޓަކައި ތިންވަނަ ތަނެއްގައި އަހަރެން ވަޒީފާއަދާކުރަން ޖެހުނަސް ވެހެވެ. ނިކަމެއްޗަކަށް އެހީތެރިވެގެން ދެރައެއް ނުލިބޭނެއެވެ. އަޒްލިފާގެ ތެދުވެރިކަމަކީ އަހަންނަށް ލިބުނު އިތުރު ހިތްވަރެކެވެ.

އަހަރެންގެ އާއިލާއިން ރުހުން ނުދިން ނަމަވެސް، ވަރަށް އުފަލާއެކު އަޒްލިފާޔާ އަހަރެން ކައިވެނިކުރީމެވެ. އޭނަގެ ހުރިހައި ޒިންމާއަކާ ހަވާލުވީމެވެ. އަހަރެން އެންމެ ފުރަތަމަ ފައިސާ ފޮނުވީ، އަޒްލިފާގެ ދެ ކުދިންގެ ކިޔެވުމުގެ ކަންތައް ހަމަޖެއްސުމަށެވެ. ފީ ނުދެއްކި އޮތް އަށެއްކަ މަސްދުވަހުގެ ފީ ދެއްކުމަށެވެ. އަޒްލިފާގެ ކުދިންނަކީ އަހަރެންގެ ދަރިންނެއް ނޫނެވެ. އެއީ އަހަރެން ކުރަންޖެހޭ ހަރަދެއް ވެސް ނޫނެވެ. އެ ކަން އަހަރެން ކުރީ އަޒްލިފާގެ އުފަލަށް ޓަކައެވެ.

އަޒްލިފާ ބޭނުންވާ ހަރަދުތައް ކުރުމަށާއި، ގޭގެ ބައެއް ހަރަދުތައް ބެލެހެއްޓުމަށް ވެސް އަހަރެން ފައިސާ ފޮނުވަން ފެށީމެވެ. އަޒްލިފާއަކީ ރީތި ކުއްޖެކެވެ. އެކަމަކު އިޝްގީ ލޯތްބަށް ވުރެ ބޮޑަށް އަހަރެންގެ ހިތުގައި ޖަހަމުންދިޔައީ އޯގާތެރިކަމުގެ ވިންދެވެ. އިހުސާންތެރިކަމާއި ކުލުނުވެރިކަމުގެ ވިންދެވެ. ތިމާގެ ފަރާތުން އެހެން މީހެއްގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދެވޭ ނަމަ، އެއަށް ވުރެ ބޮޑު އުފަލެއް ކޮބައި ހެއްޔެވެ؟ އަހަރެން ދުށް ގޮތަކީ އެއީއެވެ. ހަމަ އެކަނި ލޯބި ބޭނުން ނަމަ، އަހަރެންގެ ލޮލަށް ފެންނަ ފަށުގައި ހުރި އިބާ މާ ރަނގަޅުވީހެވެ. އެއީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ.

އަޒްލިފާއަކީ މީސްމީޑިޔާއިން ފެނުނު ތަސްވީރާއި، ޗެޓުގައި ލިޔެވުނު ވާހަކަތަކާއި، ފޯނުން ދެކެވުނު ވާހަކަތަކުން އަހަރެން ދަސްކުރި ކުއްޖެކެވެ. އޭރު ވެސް އެނގެއެވެ. އަޒްލިފާ ކުރިން އިން މީހަކީ ރަނގަޅު މީހެއް ނޫނެވެ. އެ ކައިވެނީގެ ހިރަފުސް އަހަރެންގެ ހަޔާތަށް ނުބުރާނެ ގޮތަކީ ނެތް ގޮތެކެވެ. އަހަންނާއި އަޒްލިފާގެ ކައިވެންޏަކީ ފިނިފެންމަލުގެ ދާނަކަށް ނުވާނެއެވެ. އަމާން ދަތުރަކަށް ވެސް ނުވާނެއެވެ. މަގުގައި އަޑިގުޑަން ހުންނާނެއެވެ. ކަނޑުގައި ބާނި ވެސް ހުންނާނެއެވެ. އަޒްލިފާއަކީ، ދެ ކުދިން ގޮވައިގެން، ހިތްދަތި ހަޔާތެއް ވެއަތުކުރަމުންދިޔަ، އެކަނިވެރި އަންހެންކުއްޖެކެވެ. އަހަރެން ޖެހޭނީ އޭނައަށް އެހީތެރިވާށެވެ. ފަހަރެއްގައި، ހިނގަން ދަސްކޮށްދޭން ވެސް ޖެހިދާނެއެވެ. ކެތްތެރިކަމާއި، ޝައުގުވެރިކަމާ އެކުގައި ދަތުރު ކުރިޔަށް ގެންދާނީއެވެ.

އަހަރެން އުންމީދުކުރި ވަރަށް ވުރެ ވެސް އަޒްލިފާގެ ހިތް ބައްޔެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑައެވެ. ނަފުސާނީ ގޮތުން އަޒްލިފާ ވެއްޓިފައި ވަނީ ވަރަށް ފުން ވަޅުގަނޑަކަށެވެ. އަހަރެން އެ ވަޅުގެ ތުންފަތްމަތީގައި ހުރެގެން އަޒްލިފާއަށް އަތްދިއްކުރީއެއް ނޫނެވެ. އެ ވަޅުގަނޑަށް ފައިބައި އަޒްލިފާގެ އަތުގައި ހިފީއެވެ. އަނދިރިކަން އަމިއްލައަށް އިހުސާސްކުރީއެވެ. ދެން އަޒްލިފާ އެކަނި ނުވާނެކަމާއި، ގާތުގައި އަހަރެން ހުންނާނެކަމުގެ ޔަގީންކަން ދިނީއެވެ. އެކަމަކު ހިތާ މުހާތިބުކޮށް އަހަރެން ބުނީމެވެ. ހިތާއެވެ. އަހަންނަށް އެހީތެރިވައްޗެވެ. ހިތްވަރުދެއްޗެވެ. އަހަރެން ވަރުބަލިވިޔަ ނުދެއްޗެވެ.

އަޒްލިފާ ވަރަށް ރުޅިގަދައެވެ. ރުންކުރެވެ. އެ ފަދަ ނައްސި ސިފަތަކަކީ، އެކުގައި އުޅެން ފެށުމުން ނޫނީ ނުފެންނާނެ އެއްޗެކެވެ. ރައްޓެހިވެގެންއުޅޭ އިރު ކޮންމެ މީހަކު ވެސް ދައްކާނީ އެންމެ ރީތި ސިފަތަކެވެ. އެއީ އަހަރެންކަމުގައި ވިޔަސް ވެހެވެ. ހަލީމުގެ އަންބެއް ގޮތުގައި އަޒްލިފާ ހޭދަކުރި އަހަރުތަކަކީ އަނިޔާވެރި އަހަރުތަކެކެވެ. ފިރިއެއްގެ ރަހުމުކުޑަކަން ތަޖުރިބާކުރި ދުވަސްތަކެކެވެ. އެ ހަނދާންތަކުގެ ވިދުވަރު އަޒްލިފާގެ ލޮލަކުން ނުފިލައެވެ. ހަނދާނަކުން ނުފުހެވެއެވެ. އަޒްލިފާއަށް ހީވަނީ އަހަރެންގެ ވެސް އެ ސިފަ ހުރެދާނެކަމަށެވެ. ވާނީ ވެސް އެހެންނެވެ. ހަލީމަކީ ފިރިހެނެކެވެ. އަހަންނަކީ ވެސް ފިރިހެނެކެވެ.

އަޒްލިފާއަށް ވަރަށް އަވަހަށް ރޮވެއެވެ. ކަންކަމާ ސިހުމާއި، އިތުބާރުގެ މައްސަލައާއި، އަނބިފިރިކަމުގެ ގުޅުމަށް ވެސް ވަނީ ލޮޅުންއަރައިފައެވެ. އެ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ވެސް އަޒްލިފާއަށް ވަރަށް ގިނަ ކަންކަން ހުރީ ދޫކޮށްލެވިފައެވެ. އެ ކަންކަން ފެންނަން ފެށީ އަޒްލިފާޔާ އެކުގައި އަހަރެން އުޅެން ފެށުމުންނެވެ.

ދުވަހުގެ އިރުއޮއްސުމުގެ ކުރިން ކުދިން ފެންވެރުވުމެއް ނެތެވެ. ޤުރުއާން ކިޔަވައިދީ، ނަމާދުކުރަން ދަސްކޮށްދެވިފައެއް ނެތެވެ. ނަމާދަށް އަރައެވެ. ހުރިހައި ހަރަކާތެއް ކުރެއެވެ. އެ ނިމުނީއެވެ. ކުރިން އެއްޗެއް ދަސްވެފައި ހުރި ނަމަވެސް އެ އެއްޗެއް ހުރީ ހިތުން ފިލައި ގޮސްފައެވެ. ކުދިންގެ ނިޔަފައްޗާއި އިސްތަށިގަނޑު ދިގުވިޔަސް އަޒްލިފާގެ ލޮލަކު އަޅައެއް ނުގަނެއެވެ. އެކަމަކު އަހަރެން އުޅެ ބޮޑުވީ މުޅީން ތަފާތު އާއިލާއެއްގައެވެ. އަހަރެންގެ ނިޔަފަތި ދިގުވިކަން، އަހަންނަށް ވުރެ ކުރީން ފެންނާނީ މަންމަޔަށެވެ. ހަނދާންނެތިގެން ދަތްނޫނގުޅާ ހުއްޓަސް މަންމަ އެ ކަން ހަނދާންކޮށްދޭނެއެވެ. އުމުރުގެ ވަރަށް ކުރީކޮޅުގައި އަހަރެން އާދަވެއްޖެއެވެ. އެހެންކަމުން، އަޒްލިފާގެ ކުދިންނަކީ އަހަރެންގެ ދޮންދަރީންކަމުގައި ވިޔަސް، އަހަންނަކަށް ދެ ލޯ މަރައިލައިގެނެއް ނުހުރެވެއެވެ. ކުދިން ގާތުގައި ހުރެވޭ ފަހަރުތަކުގައި އަޒްލިފާއަށް ހަނދާންކޮށްދެމެވެ. ހިތާމައަކީ އަޒްލިފާގެ ހަނދާން ބަލިކަމެވެ.

އަޒްލިފާގެ އެންމެ ތިން އަހަރުގެ ކުއްޖާ، ރޭގަނޑު އެގާރަޖަހާ އިރު ވެސް ފެންވަރުވަފާނެއެވެ. ނުވަތަ ފެންނުވަރުވައި، ފައި ނުދޮއްވައި ނިންދަވައިފާނެއެވެ. މެންދުރުގެ ކެއުން ހަވީރު ކާންދީފާނެއެވެ. ކަންކަމުގެ ތަރުތީބު އޮޅި، ކުދިންގެ ދިރިއުޅުން އޮތީ ބޮއްސުންލައިފައެވެ. އެއީ އަޒްލިފާ ފަރުވާކުޑަ ވެގެންވީ ކަމެއް ހެއްޔެވެ؟ ކުރީގެ ފިރިމީހާގެ އަނިޔާވެރިކަމުން ސަލާމަތްވާން މަސައްކަތް ކޮށްފައި، އިތުރު ކަމެއް ކުރާނެ ވަގުތު އަޒްލިފާއަށް ހަމަ ނުލިބުނީ ހެއްޔެވެ؟ އެ ކަމާ ނުވިސްނައެއް އަހަންނަކަށް ނުހުރެވުނެވެ. އެންމެ ފަހުން، ނާހަންވާ ސުވާލު އަހަންނަށް އެހުނެވެ.

ނުނިމޭ