ވީީއައިޕީކޮށް މެމްބަރުންނަށް މެޗު ނުބެލޭތީ އިކްރާމް ހިތްހަމަނުޖެހިއްޖެ
ވީީއައިޕީކޮށް މެމްބަރުންނަށް މެޗު ނުބެލޭތީ އިކްރާމް ހިތްހަމަނުޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީތީ ޓިކެޓް ގަތުމާއި ދަނޑުގައި މެޗު ބެލުމުގެ އިންތިޒާމްތަކުގައި ވެސް އިސްކަން ލިބެން ޖެހޭނެ ކަމުގެ ޝަކުވާއާ އެކު ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އަނެއްކާވެސް ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

އިކްރާމް ހިމެނިވަޑައިގަންނަވާ ގޮތުން މަޖިލީހުގެ މެމްބަރުންތަކެއް ކުރިން ޝަކުވާ ކުރެއްވީ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ކުޅޭއިރު ރޮސްޓްރަމް އިން ޖާގަ ނުލިބިގެންނެވެ. މަޖިލިސް މެމްބަރުންތަކެއް ތިއްބަވާ ގްރޫޕްގައި މިޝަކުވާ ކުރެއްވުމުން އާއްމުންނާ ހަމައަށް ތިލަވެ، ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.

އެކަމަކު އަނެއްކާވެސް އިކްރާމް މިއަދު ވަނީ ގާނޫނީ އިމްތިޔާޒާއި އިސްކަން މެމްބަރުންނަށް ނުލިބޭ ކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. ޓިކެޓް ގަތުމުގައި މެމްބަރުންނަށް ހާއްސަ ގޮތެއް ނެތިގެން އިކްރާމް ކަންބޮޑުވުންފާޅުކުރެއްވިއިރު، ގައުމީ ޓީމަށް ސަޕޯޓުކުރަން ދަނޑަށް ވަންނަން އާއްމުން ޓިކެޓް ނެގީ ދިގު ކިޔޫތަކުގައި އެތައް ގަޑިއިރަކު ތިބެގެންނެވެ.

އެހާ ގިނައިރު ތިބިއިރު ވެސް ބައެއް މީހުންނަށް ޓިކެޓް ނުލިބިގެން ހޫނުވެ ހަމަނުޖެހުން ވެސް އިއްޔެ ހިނގި އެވެ.

މެމްބަރުންގެ ވަޓްސްއެޕްގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އިކްރާމް ވިދާޅުވީ މެމްބަރުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ޓިކެޓް ގަންނަން ޖެހޭ ގޮތަށް އޮތުން ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މެމްބަރުންނަށް ރަނގަޅު ހިސާބަކުން ގޮނޑި ރިޒާވްކޮށް ވީއައިޕީ ދޮރުން ވަދެވޭނެ އިންތިޒާމް ވެސް ހަމަޖެހެން ޖެހޭ ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހަމަޖައްސައިފި ނަމަ މެމްބަރުން ބޭނުން ހިފާނެ އެވެ.

"މިކަމަށް މަޖިލިސް ޕްރޮޓޮކޯލް އިން އެދުމުން އެފްއޭމް/ސްޕޯޓްސް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ބެލެވޭ." އިކްރާމް ވިދާޅުވި އެވެ.

އިކްރާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިއްޒަތް ދިނުމަށް ގަވާއިދާއި އުސޫލްތަކަށް ބަދަލު ގެންނަން ޖެހޭނެ ކަަމަށެވެ. މިގޮތަށް މިއަދު ވިދާޅުވިއިރު، ކުރިން އިކްރާމް ވިދާޅުވީ ގަވާއިދުގައި ލިއެގެން އެކަކު އަނެކަކަށް "އިއްޒަތްތެރި" ކިޔަން މަޖުބޫރު ކުރުވާފައިވީ ނަމަވެސް ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ހަގީގީ މާނައިގައި އިމްތިޔާޒު ނުލިބޭ ކަމަށެވެ. ގާނޫނުގައި ލިއެފައި އޮންނަ "އިއްޒަތްތެރި" ކަމުގެ އިހްސާސް ބޭރު ތެރޭގައި ކުޑަކޮށް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"އިއްޒަތްތެރިކަން ނުލިބޭ ނަމަ އިއްޒަތްތެރި މެމްބަރު ކިއުމުގެ ބަދަލުގައި ނިކަމެތި މެމްބަރު ކިއުން ރަނގަޅުވާނެ. އޭރުން ރައްޔިތުން އަދި މާ އުފާވާނެ،" އިކްރާމް ފޮނުއްވި މެސެޖެއްގައިވެ އެވެ.

އިމްތިޔާޒް ނުލިބިގެން އިކްރާމްގެ ވާހަކަތަކާ މެދު ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން އެބައޮތެވެ.