ޖިނާއީ މައްސަލަތައް ކުރިއަށްނުގެންދާތީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އޮފީހަށް ވަނުން މަނާކޮށްފި
ޖިނާއީ މައްސަލަތައް ކުރިއަށްނުގެންދާތީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އޮފީހަށް ވަނުން މަނާކޮށްފި

ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިއަށް ނުގެންދަވާތީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ޝާހިދު ދެ ހަފުތާއަށް މަސައްކަތަށް ނުކުތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަނާކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ގެންދާ ގޮތާ ގުޅޭ މައްސަލައިގައި ކުރި ތަހުގީގުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދާ ކަމަށް ޝާހިދު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް ބަލަމުން ނުދާ ކަމަށް ތަހުގީގަށް ހޯދުނު އެހެނިހެން ހޯދުންތަކުން ވެސް ސާބިތުވާތީ ފިޔަވަޅު އަޅަން ނިންމީ ކަމަށް ބަޔާނުގައި ބުންޏެވެ.

އޭނާއަށް އަޅަން ނިންމި ފިޔަވަޅަކީ، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމެވެ.

ސުލޫކީ މައްސަލައެއް ސާބިތުވުމުން ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށް، ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރަން ވެސް ޖޭއެސްސީން މި ފަހުން ނިންމާފައިވެ އެވެ.

އަލީ ނަސީރުގެ މައްޗަށް ސާބިތުވީ، އޭނާ ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީ އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމެވުމުންނެވެ.