13 އޮކްޓޯބަރ 2021 - 13:25

ގައުމީ ޓީމު މެޗެއް ކުޅޭ ނަމަ ސައިމަން އިސްމާއީލް ދަނޑުގައި ހުންނާނެ އެވެ. ބައެއް ދިވެހިން ގައުމީ ޓީމުގެ ނަތީޖާތަކާ މެދު ހިތްހަމަ ނުޖެހި، ދަނޑަށް ވަނުން މަދުވި ދުވަސްވަރު ވެސް ސައިމަން ދަނޑަށް ވަދެ ގައުމީ ޓީމަށް ސަޕޯޓް ދިނެވެ. އޭޕްރީލް 2018 ގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަކީ ގައުމީ ފުޓްބޯޅަ ދަނޑުގައި ދިވެހި ޓީމު ކުޅުނު މެޗަކަށް ދިވެހި ސަޕޯޓަރުން އެންމެ މަދުން ވަން މެޗެވެ. ގައުމީ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ޓީމުން ބޭރު ކުރުމުން ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. މުޅި ދަނޑު އޮތީ ފަޅުވެފަ އެވެ. އެކަމަކު އެ މެޗުގައި ވެސް ސައިމަން ދަނޑުގައި އިނެވެ.

ދިވެހި ގައުމީ ޓީމުގެ އެންމެ އިހްލާސްތެރި ސަޕޯޓަރުގެ ގޮތުގައި ކުރިއަށް ދިޔަ ސައިމަން އަށް 2019 ގައި ކުރިމަތިވި ދެރަ ހާލަތުން މުޅި ދިރިއުޅުން ބަދަލުކޮށްލި އެވެ. ދެ ކިޑުނީ ފެއިލްވެ ހަފުތާ އަކު ތިން ފަހަރު ޑައިލިސިސް ހަދަން ޖެހޭ ހާލަތަކަށް އޭނާ ދިޔަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ދިވެހިން ކުރިމަތިލިރު ވެސް ސައިމަން ހޭދަ ކުރަން ޖެހުނީ އެކަމުގަ އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަކީ ދިވެހި ޓީމު މުބާރާތުގައި އެންމެ މޮޅަށް ކުޅުނު މެޗެވެ. ނަމަވެސް ސައިމަން އެ މެޗު ބަލައިލުމުގެ ފުރުސަތެއް ނުލިބުނެވެ. އޭނާ އޮންނަން ޖެހުނީ ހޮސްޕިޓަލްގައި ޑައިލިލިސް ހަދާށެވެ.
ލަންކާ މެޗަށް ވަން ސަޕޯޓަރުންގެ ތެރެއިން އެންމެ އަޅައިގަތް މޫނަކީ ސައިމަން އެވެ. އޭނާ ދިން ފޯރި އެވެ. ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯތައް ދައުރުވި އެވެ. ލަންކާ މެޗުގެ ޓިކެޓް ގަންނަން އެތައް އިރެއް ވަންދެން ސޯޝަލް ސެންޓަރުގެ ކިޔުގައި އޭނާ ހުއްޓެވެ. އޭނާ ކިޔުގައި ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ދެން އޭނާގެ އަތުގައި ހިފީ ނަސީބެވެ. އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ކިޔުގައި ނުޖެހި އޭނާ އަށް ޓިކެޓް ލިބޭނެ ގޮތް ހަމަޖެހުނެވެ.
"ޓިކެޓް ކިޔުގައި ހުރި ފޮޓޯ ޓްވީޓް ކުރީމާ ހެޔޮއެދޭ ފަރާތަކުން މެސެޖުކޮށްފައި ބުނި ދެން އަންނަ މެޗަކަށް ކިޔުގައި ނުޖެހެއްޗޭ. ޓިކެޓެއް ހޯދައިދޭނަމޭ،" އައިޖީއެމްޗްގައި ޑައިލިސިސް ހަދަމުން ދިޔަ ވަގުތު ފޯނުން "މިހާރު" އާ ވާހަކަ ދައްކަމުން ސައިމަން ބުންޏެވެ.
"އެހެންވެ މިރޭގެ މެޗަށް ޓިކެޓް ލިބިފައި ވަނީ. އިރާދަ ކުރެއްވިއްޔާ މިރޭ ދަނޑަށް ދާނަން."
މި މުބާރާތުގައި ކޮންމެ ދިވެއްސަކު އެދެނީ ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލުމަށެވެ. އެކަމަކު ސައިމަންގެ އެހެން އުންމީދެއް ވެސް އެބައޮތެވެ. އެއީ އޭނާ ދަނޑުގައި ހުރެގެން ދިވެހިން ތަށި އުފުލާލާތަން ބަލައިލަން ފުރުސަތު ލިބުމެވެ. ފައިނަލު މެޗު ކުޅޭ ރޭ، ދަނޑަށް ދެވޭ ވަރަށް އޭނާގެ ސިއްހީ ހާލަތު ތަންދޭ ނަމަ އޭނާ ދަނޑަށް ދާނެ އެވެ.
މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ. މެޗު އެއްވަރުކޮށްލައިގެން ނޭޕާލަށް ވެސް ފައިނަލަށް ދެވޭނެ އެވެ.