ނަޝީދު ވިދާޅުވީ، ރައީސާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށް
ނަޝީދު ވިދާޅުވީ، ރައީސާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށް

ފިކުރީ ގޮތުން ހިޔާލު ތަފާތުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތްޕުޅު ނުކުރެއްވޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެ ވާހަކަފުޅު ބަދަލުކުރައްވައި އެކަމުގައި މިހާރު މައްސަލއެއް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ، ރައީސާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށް
ނަޝީދު ވިދާޅުވީ، ރައީސާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށް

"ދެން ރައީސުލްޖުމްހޫރިއްޔާއާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށް އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުތަކުގައި ވިދާޅުވިތާ ތިން މަސް ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލުތަަކާ ހެދި ނަޝީދު އެއްބަސްވެވަޑައިގަތީ ރައިސާއާއެކު ސިޔާސީ މަސައްކަތް ދެން ކުރެއްވޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ދެން ކުރައްވާނީ ކޮން މަަސައްކަތެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެކަމާ މެދު އެއްވެސް އެއްޗެއް ވިދާޅުވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ނަޝީދުގެ އެ ޖަވާބަކީ ރައީސާއެކު ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރެއްވުން ނޫންތޯ ނޫސްވެރިން ދެންނެވުމުން އެ އަށް ސީދާ ޖަވާބު ނުދެއްވައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަފުޅު ނުދައްކަވައި ހުންނެވުން ވާނީ ދަތި ކަމަކަށް ކަމަށެވެ.

ރައީސާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވީ، ނަފްރަތުގެ ބިލުގެ މައްސަަލަ ހޫނުވެފައި ވަނިކޮށް އެކަމާ ހިޔާލު ތަފާތުވުމުންނެވެ. މަޖިލީހަށް ހުށަހަޅާ ބިލުތައް އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ހުށަހެޅުމާ ބެހޭގޮތުން އަދި ވެސް ރައީސާއެކު ވާހަކަ ދައްކަވާނެ ކަމަށް މިއަދު ވެސް ނަޝީދު ވިދާޅުވި އެވެ.

ސީދާ ޖަވާބެއް ނުލިބުމުން ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަކީ ރައީސާއެކު އަލުން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުން ނޫންތޯ ނޫސްވެރިންގެ ބައްދަލުވުން ނިންމައިލި ފަހުން ވެސް ނޫސްވެރިއަކު ސުވާލު ކުރި އެވެ.

އޭގެ ޖަވާބުގައި ވެސް ނަޝީދު ވިދާޅުވީ ހަމައެކަނި "ކުރެވޭނެ" ކަމަށެވެ. އަދި ތަކުރާރުކޮށް އެހެން ވިދާޅުވި އެވެ. އެކަމަކު އިތުރު އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ނަތީޖާއެއްގެ ގޮތުން ދެ ބޭފުޅުންނަށް ތާއީދު ކުރާ ދެ ފެކްޝަން އެމްޑީޕީގެ ތެރޭގައި ވަނީ އުފެދިފަ އެވެ. އެކަން މަޖިލީހުގެ ތަޅުމުގައި ކުރާ ބަހުސްތަކުން ފެންނަ އިރު މި ފަހުން އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވެސް އޮތީ ނަޝީދާއި ރައީސްގެ ވާދަވެރިކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި ވިދާޅުވުމަކީ ހަމަ ސާފުކޮށް، ސިޔާސީ ގޮތުން ދެއްވި ރައްދެއް ކަމަށް ވެސް ސިފަ ކުރި އެވެ. އެކަމަކު، ހަމަލާގެ ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ކުރިން ވިދާޅުވީ، އެ މަނިކުފާނު ދެއްކެވި ވާހަކަ ބައެއް މީހުންނަށް އޮޅުނީ ކަމަށެވެ. އެ ދުވަހު ވެސް އަލުން ގުޅުން ގާއިމު ކުރެއްވީތޯ ސުވާލުތައް އަމާޒުވިޔަސް، ނަޝީދު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އިންތިހާބުގެ ކުރިން ނަޝީދު ވަނީ އެ މަނިކުފާނު ތާއީދު ކުރައްވާނެ ކެންޑިޑޭޓުންގެ ސިފަތައް ކިޔައިދެއްވައިފަ އެވެ. އޭގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުން ވެސް ހިމެނެ އެވެ. މިހާރު އެ މަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ގޮވާލާ ޕެޓިޝަނަކަށް ވެސް ސޮއި ހޯދަމުންނެވެ. އެ ޕެޓިޝަނުގައި ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެމްބަރުން ސޮއި ކުރެއްވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ތިއްބެވި މެމްބަރުން ސޮއެއް ނުކުރައްވަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިން ތާ ފަސް މަސް ފަހުން މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވި އިރު މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު ވަނީ ބަޔަކަށް ދައުވާކޮށް ޝަރީއަތް ވެސް ފަށައިފަ އެވެ. ފުލުހުން ބުނާ ގޮތުގައި އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނީ ދީނީ ގޮތުން ހަރުކަށި ފިކުރުމުގެ ބަޔަކު އެމަނިކުފާނަކީ އަވަހާރަކޮށްލަން ޖެހޭ މީހެއް ކަމަށް ނިންމުމަށްފަހު އެވެ.