އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނެއްް ނެތް: އޭސީސީ
އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނެއްް ނެތް: އޭސީސީ

އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތް ކުރާ 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ގެ އެ އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރި މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ބިޑް ކުރުމެއް ނެތި އަދި ޓެންޑާ ބޯޑަށް ވެސް ހުށަހެޅުމެއް ނެތި އިކޮނޮމިކް ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ބޮޑެތި މަޝްރޫއުތައް ހަވާލު ކުރެވިދާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނާއިރު އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ޝެންހުއާ ކުންފުންޏާ ހަވާލުކުރަން ނިންމީ އިކޮނޮމިކް ކައުންސިލުން ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އަދި އެ މަޝްރޫއުގައި ކުރަންޖެހޭ މަސައްކަތާ އަޅާ ބަލާއިރު ޝެންހުއާ އިން ހުށަހެޅި އަގަކީ އެންމެ އެކަށީގެންވާ އަގު ކަމަށް އިކޮނޮމިކް ކައުންސިލަށް ފެންނާތީ ބިޑް ކުރުމެއް ނެތި އެ މަޝްރޫއު އެ ކުންފުންޏަށް ދޭން ނިންމީ އެ ކައުންސިލުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރިން އެކި ގައުމުތަކުގައި ހޮސްޕިޓަލްތައް އިމާރާތް ކޮށްފައިވާ ޝެންހުއާ ކުންފުނިން އެ މަޝްރޫއުގެ އަގުގެ ގޮތުގައި ހުށަހެޅި 140 މިލިއަން ޑޮލަރަކީ އެ މަޝްރޫއަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރި އަދަދާ އެންމެ ގާތްކުރާ އަދަދު ކަމަށް އޭސީސީން ބުންޏެވެ. އަދި އެ މަޝްރޫއަށް ކުރިމަތިލި އެހެން ކުންފުނިތަކަކީ އެކަމުގެ ތަޖްރިބާ ނެތް ކުންފުނިތަކެއް ކަމަށްވެފައި އެ ކުންފުނިތަކުން ހުށަހެޅީ ލަފާ ކުރެވޭ އަދަދުތަކެއް ނަމަވެސް ޝެންހުއާ އިން ހުށަހެޅީ ލަފާ ކުރެވޭ އަދަދެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

ޑައިގްނޯސް ސެންޓަރެއް ވެސް ހިމެނޭ ގޮތަށް އިމާރާތްކުރާ އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ނިންމަން ޖެހެނީ 2018 ވަނަ އަހަރު އެވެ. އެތަން އިމާރާތް ކުރަނީ އެއް ލައްކަ މީހުންނަށް ޚިދުމަތް ދެވޭ ފަދަ ގޮތަކަށް ކަމަށް ސަރުކާރުން ބުނެފަ އެވެ.