ހިންމަފުށީ ޖަލުގައި ކުޑަކުދިން ގެންގުޅޭތަން ރައްކާތެރިއެއްނޫން: އެޗްއާރްސީއެމް
ހިންމަފުށީ ޖަލުގައި ކުޑަކުދިން ގެންގުޅޭތަން ރައްކާތެރިއެއްނޫން: އެޗްއާރްސީއެމް

އައްސޭރި ޖަލުގައި ކުޑަކުދިން ބައިތިއްބާފައި ތިބެނީ އެ ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަނޑައަޅައިފި އެވެ

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލުގައި ހަދާފައިވާ ކުޑަކުދިންގެ ހާއްސަ ޖަލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު އަދި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން އެ ކުދިންނަށް ލިބިދޭ ތަނެއް ނޫން ކަމަށެވެ.

އދ. ގެ މިންގަނޑަށް ރިއާޔަތްކުރާއިރު އެއީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމުން ވަނީ މިދިޔަ ނޮވެމްބަރު 8-10 އަށް އައްސޭރި ޖަލަށް ޒިޔާރަތްކޮށް އެ ތަނުގެ ހާލަތު ބަލައިފަ އެވެ. އެ ޒިޔާރަތުގައި، ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ނިމޭނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދިނަސް މިދިޔަ މަހުގެ 16 ގައި އެ ޖަލަށް ދެ ވަނަ ފަހަރަށް ޒިޔާރަތް ކުރިއިރު ވެސް ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނުނިމޭ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ވަނީ އަންގައިފަ އެވެ.

"މި އެންގުމުގައި ކ. ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަނޑައަޅާ ޕްލޭނެއް އޮކްޓޯބަރު 24 ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށް ވަނީ ކަރެކްޝަނަލް ސާވިސްއަށް އަންގާފަ އެވެ،" ބަޔާނުގައި ބުންޏެވެ.