އިންޑިއާގެ ހިލޭ އެހީގައި 2.4 މިލިއަން ޑޮލަރުގެ އަށް މަޝްރޫއެއް
އިންޑިއާގެ ހިލޭ އެހީގައި 2.4 މިލިއަން ޑޮލަރުގެ އަށް މަޝްރޫއެއް

އޮލިމްޕަސް މަރާމާތުކުރުން ހިމެނޭ ގޮތުން، އިންޑިއާގެ ހިލޭ އެހީން ހަރަދުކޮށްގެން ރާއްޖޭގައި އަށް ޕްރޮޖެކްޓެއް ހިންގުމުގެ އެމްއޯޔޫތަކުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

އިންޑިއާގެ ހިލޭ އެހީގައި 2.4 މިލިއަން ޑޮލަރުގެ އަށް މަޝްރޫއެއް
އިންޑިއާގެ ހިލޭ އެހީގައި 2.4 މިލިއަން ޑޮލަރުގެ އަށް މަޝްރޫއެއް

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރީ އިންޑިއާގެ ހިލޭ އެހީގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގަން ހަމަޖެހިފައިވާ އަށް ޕްރޮޖެކްޓެއްގެ އެމްއޯޔޫތަކުގަ އެވެ.

މި އެމްއޯޔޫތަކުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 2.4 މިލިޔަން ޑޮލަރު (36 މިލިޔަން ރުފިޔާ) ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

1- އޮލިމްޕަސް ތިއޭޓަރު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުން

2- ނ. މިލަަދޫގައި މަލްޓިޕާޕާސް ކައުންސިލް އިމާރާތް އެޅުން

3- އއ. ދަނގެތީ ކަލްޗަރަލް ސެންޓަރުގެ އިމާރާތް އެޅުން

4- ލ. މާބައިދޫ ގައި އައިސް ޕްލާންޓެއް އެޅުން

5- ހއ. ދިއްދޫ، ލ.ގަން އަދި ގދ. ތިނަދޫ ސްކޫލްގެ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް ހަރުދަނާކުރުން

6- ތ. ވޭމަންޑޫގައި މަގު ބައްތި ޖެހުން

7- ތ. ތިމަރަފުށީގައި މަގުބައްތި ޖެހުން

8- ދެ ސީއެމްބިއުލާންސް ގަތުން

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތްތަކާއި އެހެން ބައެއް މަސައްކަތްތަަކަށް 85 މިލިޔަން ރުފިޔާގެ ހިލޭ އެހީދޭން 2019 ވަނަ އަހަރު އިންޑިއާއިން ފުރަތަމަ އެއްބަސްވި ކަމަށާއި އޭގެ ފަހުން އެ އެހީ 155 މިލިޔަން ރުފިޔާއަށް އިތުރުކުރަން މިދިޔަ ޖުލައި މަހު އެއްބަސްވެ، އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ހިމެނޭ 12 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދެ އެވެ.

މި މަސަައްކަތްތަކުގެ އެމްއޯޔޫތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިިވެރިވެވަޑައިގެންނެވި އެވެ.