25 އޮކްޓޯބަރ 2021 - 12:39

އުތުރު ތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ހަދާފައި އޮތީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ މާއްދާތައް އޭގައި ހިމަނާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ދެ މެންބަރެއް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އުތުރުތިލަފަޅު އެއްބަސްވުމާ ދައްކާލައި އެކަމާ ބެހޭ ޕްރެޒެންޓޭޝަނެއް ޑިފެންސް މިނިސްޓްރީން އިއްޔެ ވަނީ އެ ކޮމިޓީގައި ހުށަހަޅާފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުތުރުތިލަފަޅުގައި އިންޑިޔާ އިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ޑިޕްލޮމެޓިކް އިމިއުނިޓީ ދީގެން ކުރިޔަށް އޮތް 15 އަހަރަށް ވުރެ ގިނަ ދުވަހު ތިބެވޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނާ ކަމަށެވެ. އަދި އިންޑިއާ އިން ގެންނަ މީހުންގެ ތެރޭގައި އެ ގައުމުގެ ސިފައިން ނުގެނެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ނުވާ ކަމަށާއި އެއްބަސްވުން އޮތީ ދިވެހި އަސްކަރީ މަރުކަޒެއްގައި އިންޑިއާ ސިފައިންނަށް ތިބުމަށް މަގުފަހިވާ ގޮތަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
"...ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއް ނެތި [ޔޫޓީއެފް އެއްބަސްވުމުގައި] ސޮއި ކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ހިލާފު ކަމެއް، އެގްރީމަންޓުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެއް،" އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ކުރިޔަށް އޮތް 15 އަހަރަށް ވުރެ ގިނަ ދުވަހު އުތުރުތިލަފަޅު ހިންގާނީ އިންޑީއާ ހައި ކޮމިޝަންގެ އިތުރުން އިންޑިއާ ބަޔަކު ހިމެނޭ ކޮމިޓީއަކުން ކަމަށާއި އޭގެ ސަބަބުން ދިވެހި ސިފައިންގެ ފުރިހަމަ ބާރު އެ ތަނުގައި ނުހިނގާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ. އަދި އުތުރުތިލަފަޅަކީ އަސްކަރީ މަރުކަޒަކަށްވާއިރު އެތަން ހިންގުމުގައި އިންޑިޔާގެ ދައުރެއް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ވަކިވަކި މާއްދާތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ގެނައުމުގެ ބަދަލުގައި އެ އެއްބަސްވުން ކަމަށް ބުނާ ކަމަށް ބުނާ ލިޔުމެއް ސްކްރީނުން ދައްކާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ. އެ ކޮމިޓީއަށް އެއްބަސްވުން ހޯދާފައި ނުވުމަކީ ސަރުކާރާއި މަޖިލިސް ވެސް ފެއިލްވުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
އެހެން ނަމަވެސް އެ އެއްބަސްވުމާ ގުޅޭ ގޮތުން 241 ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްްމަދު އަސްލަމް ވިދާޅުވީ އެ އެއްބަސްވުުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް ކަމަށާއި އެއްބަސްވުން އޮތީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށެވެ.
"ސިފަވަރު"ގެ ނަމުގައި ހަދަން އެއްބަސްވުމުގައި އޮތް ބަނދަރު ކުރީގެ ސަރުކާރުން އިންޑިއާއާ އެކު މަޝްވަރާކޮށްފައިވާ ވަރަށް ވުރެ ވެސް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ސަރުކާރުގައި 2016 ވަނަ އަަހަރު ސޮއިކޮށްފައިވާ ދިފާއީ އެކްޝަން ޕްލޭނާ ހިލާާފު އެއްވެސް ވާހަކައެއް އެ އެއްބަސްވުމުގައި ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ކޮމިޓީ އަށް އެއްބަސްވުމުގެ އަސްލު ދެއްކުމުގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވެސް ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިއާއާއެކު މަޝްވަރާ ކޮށްފައި އޮތް ވަރަށް ވުރެ ހަނިކޮށްފައި ކަމަށެވެ.
"އޮޕަރޭޝަނަލް ބޭނުމަށްޓަކައި އިންޑިއާ ނޭވީ [އުތުރު ތިލަފަޅު] ބޭނުންކުރުުމާއި އެ ކަހަލަ ވަަރަށް ބައިވަރު ވާހަކަތަކެއް އެކްޝަން ޕްލޭންގައި ދައްކާފައި ހުރީ. އެކަަމަކު އަޅުގަނޑުމެން ހަނިކޮށްފައި އޮންނާނީ ހަމައެކަނި ސަޕޯޓާއި މެއިންޓެނެންސަށް އެކަނި [ބޭނުންކުރެވޭ ގޮތަށް]،" މާރިޔާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ބުނީ އެ އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށް އެމްއެންޑީއެފް އިން ދައްކަން މަސައްކަތް ކުރުމަކީ އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ޔާމީން ސަރުކާރުން އިންޑިޔާ އާ އެކު ހަދާފައިވާ އެކްޝަން ޕްލޭނުގައި ސިފައިން ތިބުމަށް އެއްބަސްވެފައި ނުވާނެ ކަމަށް އިދިކޮޅުން ބުންޏެވެ. އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ޔާމީން ނިންމަވާފައި ވަނީ ދިވެހި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.
"އިންޑިޔާ އިން ރާއްޖޭގައި އުދުއްސާ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އާ ނުކޮށް އަދި ދެ ހެލިކޮޕްޓަރާއެކު އައިސް ތިބި އިންޑިޔާގެ ސިފައިންގެ ވިސާ އާ ނުކޮށް، ދެ ހެލިކޮޕްޓަރާއި ސިފައިން ގެންދިޔުމަށް އިންޑިޔާ ސަރުކާރުގައި ރައީސް ޔާމީން ސަރުކާރުން ވަނީ ދަންނަވާފައި، އެއީ ސިފައިން ބޭތިއްބުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ވާތީ،" އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީން ބުނީ އެ ކޯލިޝަންގެ ވެރިކަމެއްގައި ގާނޫނުއަސާސީއާ ހިލާފަށް ހަދާފައިވާ އެފަދަ ހުރިހާ އެއްބަސްވުމެއް އުވާލާނެ ކަމަށެވެ.