ހައިތަމަށް އިންޒާރު ދިނުން: ދައުވާކުރީ ކުރީގެ ދޮންދަރިއަށް
ހައިތަމަށް އިންޒާރު ދިނުން: ދައުވާކުރީ ކުރީގެ ދޮންދަރިއަށް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒްއާ މަގުމަތިން ދިމާކޮށް، އިންޒާރު ދިން މައްސަލާގައި، ހައިތަމްގެ ކުރީގެ ދޮންދަރި ފާތިމަތު ދިފްލާ ޖުނައިދަށް މިއަދު ދައުވާކޮށްފި އެވެ.

މިދިޔަ ޖޫން މަހު ކުރީކޮޅު ހުށަހެޅި މި މައްސަލަައިގެ ތަހުގީގު ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މި މަހުގެ ތިން ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. އެއީ ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި އޭނާގެ ދަރިފުޅު ދިފްލާ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އެކެއްގެ މައްޗަށް ދައުވާކުރަން ނިންމައި ހުޅުމާލެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ދައުވާކޮށްފައިވަނީ ދިފްލާއަށެވެ.

ފުލުހުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވަނީ ނަޖުމާ އާއި ދިފްލާ، ހައިތަމްގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އަދި ދިފްލާ ވަނީ ހައިތަމް އަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި ހައިތަމަށް އިންޒާރު ދީ ހައިތަމްގެ އަނބިކަނބަލުން ބަލިވެ އިންދާ ބަނޑުގައި ކޮޅުފައިން ޖަހައި މާރާމާރީ ހިންގަން އުޅެފައި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. އަދި ނަޖުމާ ވެސް ސޯޝަލް މީޑިއާގައި ހައިތަމަށް އިންޒާރު ދިން ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

މި ކަންތައް ހިނގާފައި ވަނީ ހައިތަމްގެ އަނބިކަނބަލުން އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންދަ އެވެ. މަގުމަތިން ދިމާކޮށް އިންޒާރު ދިނުމުން ހައިތަމްގެ އަނބިކަނބަލުންނަށް ޝޮކެއް ލިބި ހޮސްޕިޓަލުން ފަރުވާ ވެސް ހޯދަން ވެސް ޖެހުނެވެ.