ސިމިއޯނީގެ ދަރިފުޅުގެ ހަތަރު ގޯލުން ލާޒިއޯ ބަލިކޮށްފި
ސިމިއޯނީގެ ދަރިފުޅުގެ ހަތަރު ގޯލުން ލާޒިއޯ ބަލިކޮށްފި

ވެރޯނާ (އޮކްޓޯބަރު 25) - އިޓާލިއަން ލީގުގައި ހެލަސް ވެރޯނާ ލާޒިއޯއާ ކުޅުނު މެޗުގައި، އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅުގެ ލަނޑުތަކުން 4-1 އިން ލާޒިއޯ ބަލިކޮށްފި އެވެ.

މެޗުގައި ވެރޯނާއިން ޖެހި ހަތަރު ލަނޑު ވެސް ޖެހީ، ކަލިއަރީން މިސީޒަނުގައި ލޯނު އުސޫލުން ވެރޯނާއަށް ގެނައި ޖިއޮވާނީ ސިމިއޯނީ އެވެ.

ސިމިއޯނީގެ ދެ ލަނޑުން ކުރީގައި އޮވެ ވެރޯނާ ފުރަތަމަ ހާފު ނިންމާލިއިރު ސީރޯ އިމޯބިލޭ ވަނީ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ލާޒިއޯ އަށް އުންމީދު އާ ކޮށްދީފަ އެވެ. ނަމަވެސް ސިމިއޯނީ ވަނީ މެޗުގެ 62 ވަނަ މިނިޓުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ވެރޯނާގެ ދެވަނަ ލަނޑު ސިމިއޯނީ ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ.

މިއީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅޭ، އުމުރުން 26 އަހަރުގެ ސިމިއޯނީ އިޓާލިއަން ލީގުގައި ހެދި ދެވަނަ ހެޓްރިކެވެ. އޭނާގެ ފުރަތަމަ ހެޓްރިކް ފެނުނީ 2018 ވަނަ އަހަރު ފިއޮރެންޓީނާގެ ޖޯޒީގައި ނަޕޯލީއާ ދެކޮޅަށެވެ. އެ މެޗުގައި ނަޕޯލީގެ ކޯޗަކަށް މައުރީޒިއޯ ސާރީ ހުރިއިރު، ރޭގެ މެޗުގައި ލާޒިއޯގެ ކޯޗަކަށް ވެސް ހުރީ ސާރީ އެވެ.

މި ބައްޔާ އެކު ލާޒިއޯ ލީގުގައި ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކާ ގާތަށް ޖެހިލުމުގެ ފުރުސަތު ނަގައިލިއިރު، އެ ޓީމު އޮތީ 14 ޕޮއިންޓާ އެކު ތާވަލުގެ އަށް ވަނައިގަ އެވެ. ވެރޯނާ ވަނީ މި މޮޅާ އެކު ތާވަލުގެ 11 ވަނައަށް ޖެހިލައިފަ އެވެ.