05 ޖޫން 2016 - 18:22

އާ މިސްކިތެއް ބިނާކުރުމަށްޓަކައި މިހާރު ތަޅާލާފައިވާ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) މި ރޯދަ މަހު ވަގުތީ ގޮތުން އަލުން ބޭނުންކުރަން ނިންމައިފި އެވެ.

އެ މިސްކިތް ތަޅާލުމަށް ފަހު، އާ މިސްކިތް ނުހަދައި ގިނަ ދުވަސްވަމުން ދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްކިތެއްގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެހެންކަމުން އެ މިސްކިތުގައި މި ރޯދަ މަހު ނަމާދު ކުރުމަށްޓަކައި މިހާރު ވަނީ އަލުން ހިޔާ ކޮށް ވުޟޫ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މާވެޔޮ މިސްކިތް ހުރި ތަނުގައި ހެދި ވަގުތީ މިސްކިތް ބޭނުންކުރަން ފެށުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އެ މިސްކިތުގައި 200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރޯދަ މަހު ނަމާދުކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން މާފަންނު ބޮޑުގޭގައި ވެސް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ތަނުގައި ހަދާ ވަގުތީ މިސްކިތުގެ ފާރު ރޭނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަމަކު އެ ތަން މިއަދާ ހަމައަށް އައި އިރު ވެސް ހިޔާކޮށްފައެއް ނުވެ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޮޑުގޭގައި އާއި ބަހާއުއްދީން މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް ހަދަނީ ގިނަ ބަޔަކު އެ ސަރަހައްދުގައި ދިރިއުޅެމުންދާތީ އެ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ދެ މިސްކިތް ހެދުމަށް ދާ ހަރަދެއް އިސްލާމިކް މިނިސްޓްރީން ނުބުނެ އެވެ.
ބޮޑުގޭގައި ހަދާ މިސްކިތް ރޯދަ މަހުގެ ކުރީކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މިސްކިތުގައި އެއް ފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ތަފާތު ގިނަ ކަންތައްތަކެއް ކުރުމަށް ނިންމައިފަ އެވެ. އެގޮތުން މަގުތަކުގައި ޒިކުރު ބޯޑުތައް ހަރުކުރުމާއި އާއްމުން ގިނަ އިން ގޮސްއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރާ ބޭނުންކޮށް ގުރުއާން ޖެހުމަށް ވަނީ ނިންމައިފަ އެވެ