މަދަދު އެދެމޭ ހިތާއޭ...
މަދަދު އެދެމޭ ހިތާއޭ...

އާދިއްތަ ދުވަހާ ގުޅޭ

ނަންބަރު އޮންނަނީ ނިއްވައިލައިފައެވެ. އަޒްލިފާ ދަންނާނެހެން ހީވާ އަހަރެންގެ ހުރިހައި އެކުވެރިންނަށް ގުޅީމެވެ. ހަމަ އެކަކަށް ވެސް އަޒްލިފާ ވީ ތަނެއް ނޭނގުނެވެ. އެ ހިސާބުން ހުއްޓައިލާކަށް ނުކެރުނެވެ. ހިތްބިރުގަންނާތީއެވެ. ފުލުހުންނަށް ގުޅީމެވެ. އަޒްލިފާގެ ފޮޓޯ ނޫސްތަކުގައި ޖެހިއެވެ. ގެއްލިގެން އުޅޭ މީހެއް ގޮތުގައެވެ. އިރުއިރުކޮޅާ އަހަންނަށް ކޮންމެވެސް މީހެއްގެ ކޯލެއް އާދެއެވެ. އަޒްލިފާގެ މައިންބަފައިން ވެސް ގަޑިއަކު އެއް ފަހަރު ގުޅައެވެ. މާ ދުރު ހިސާބެއްގައި އަހަރެން ހުންނާތީ އެ ޝަކުވާ ވެސް ކުރިއެވެ. އެކަމަކު އަޒްލިފާ ހޯދަން އަހަރެން ދާންވީ ކޮން ތާކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ.

ފުލުހުންނަށް ގުޅިތާ ދެތިން ގަޑިއިރު ފަހުން ފުލުހުންގެ ކޯލެއް އަހަންނަށް ލިބުނެވެ. އަޒްލިފާ ހުރީ ލަންކާގައެވެ. ވާންވީ އުފާކަމެއް ނުވަތަ ފޫހިކަމެއް އަހަންނަކަށް ނޭނގުނެވެ. ދެމައިން ދިރިހުރިކަން އެނގުނީމައި އުފާވިއެވެ. އަހަރެން އަނދިރީގައި ބެހެއްޓީމައި ފޫހި ވެސް ވިއެވެ. ހިތަށްއެރިއެވެ. ކަންދިމާވި ގޮތުން އަޒްލިފާއަށް ގުޅައިނުލެވުނީބާއެވެ؟ އެ ސުވާލުގެ ޖަވާބު އެނގުނީމައި ނޫނީ އަހަރެން ރުޅިއަންނާކަށް ނުވާނެއެވެ. ފުލުހުންގެ ކޯލަށް ޖަވާބުދިނުމަށް ފަހު، ވައިބާއިން އަޒްލިފާއަށް ގުޅީމެވެ. ފޯނު ނަގާނެކަމުގެ އުންމީދަކު ނޫނެވެ. އަޒްލިފާ ޖަވާބެއް ނުދިނެވެ. އަހަރެންގެ ހިތް ބުނި ގޮތުގައި އަޒްލިފާ ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ.

އެއް ދުވަސް ވިއެވެ. ދެ ދުވަސް ވިއެވެ. އަޒްލިފާއެއް ނުގުޅިއެވެ. އެއީ އާދައިގެކަމެއް ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ގައިމު އަޒްލިފާއަށް ވެސް ނޫސްތައް ފެންނާނެއެވެ. މެސެޖަކުން ނަމަވެސް އޭނަ ސަލާމަތުން ހުރިކަން އަހަންނަށް އަންގަން ޖެހޭނެއެވެ. އަހަންނަކީ ހިތްޝައްކު މީހެކޭ އަހަންނެއް ނުބުނާނަމެވެ. އެހެނަސް އެ ބަލިގަނޑު ވެސް ދެން ހިލެން ފެށިއެވެ. ނަބީލާއަށް ކަމެއްވީބާއެވެ؟ އަހަންނަށް އަޒްލިފާ ފިލީބާއެވެ؟

ތިންވަނަ ދުވަހުގެ ރޭ ދަންވަރު ވައިބާއިން އަހަންނަށް ފޯނެއް އަންނަން ފެށިއެވެ. އަހަރެންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ހީވީ ރަނގަޅަށެވެ. އަޒްލިފާގެ ކޯލެކެވެ. ވަގުތުން ފޯނު ނެގީމެވެ.

"އަހަންނަށް ކަމަކަށް މާފުކޮށްދީފާނަން؟" ފުރަތަމަ ވެސް އަޒްލިފާ އެހީ އެހެންނެވެ. "ޕްލީޒް!"

ރަށުން ފުރި ފަހުން ޚަބަރެއް ނުވެ ތިން ދުވަސް ކޮށްފައި، ފުރަތަމަ ގުޅި ފަހަރު މާފަށްއެދޭނީ ފިސާރި ބޮޑު ކަމެއްވީމައެވެ. ކުޑަކުއްޖަކަށް ވެސް އެ ވަރު އެނގޭނެއެވެ.

"ކޮން ތާކު އަޒްލިފާ ތި އުޅެނީ؟ ހާދަ ވަރަކަށް އަހަރެން ގުޅައިފީމޭ،" ވަރަށް ނުތަނަވަސްވެފައި އަހަރެން ބުނީމެވެ. "ގެއްލިގެން ޕޮލިހަށް ގުޅީމަ އެ ތަނުން ބުނީ އަޒްލިފާ ވީ ލަންކާގައޭ. ކީއްވެގެންތަ ފޯނު ނުނަގަނީ؟"

"ތި ހުރިހާ ވާހަކައެއް ކިޔައިދޭށޭ މި ގުޅީ! ބުނެބަލަ! އަހަންނަށް މާފުކުރާނަންތަ؟" އަޒްލިފާ އެހިއެވެ. "ބުނޭ އާނއެކޭ!"

"އަޖައިބެއްނު! ކޮން ކަމަކާތަ މާފުކުރަންވީ؟" ހައިރާންވެފައި އަހަރެން އެހީމެވެ. "މާފުކުރާ ވަރުގެ ކަމެއް ކުރީތަ؟"

"މާފުކުރާނެ ކަމަށް ފުރަތަމަ ﷲ ގަންދީ ހުވާކުރޭ! އޭރުން ބުނާނީ." އަޒްލިފާ ބުންޏެވެ.

އެއީ އަޒްލިފާގެ އާދައެވެ. އޭނަ ދެކެ އަހަރެން ވާ ކަނު ލޯބީގެ ނާޖާއިޒު ފައިދާ، މުށްޖަހައިފައި އެ ގޮތަށް ނެގުމަކީ އޭނަ އަލަށް ކުރާ ކަމެއް ނޫނެވެ. އެ ފައިދާއިން ބާކީވާ ބައި ދެއަތުން މައްޗަށް އުކަން ވިޔަސް ވެހެވެ.

"ﷲ ގަންދީ ހުވާ!" ވީ ގޮތް އެނގެން ބޭނުންވެފައި ހުރި ވަރުން އަހަރެން ބުނީމެވެ. "އަހަރެން މޮޔަވުމުގެ ކުރިން ކިޔައިދީބަލަ!"

"އަޅެ އަހަންނަށް ނޭނގި މީހަކާ ރައްޓެހިވެވިއްޖެ!" އަޒްލިފާގެ ރާގުގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ. "އޭނަޔާ އެއްކޮށް ލަންކާއަށް އާދެވުނީ ވެސް. ރުޅިނާންނައްޗޭ! ޕްލީޒް!"

އަހަންނަށް ދެލޯމަރައިލެވުނެވެ. އިސްޖަހައިލެވުނެވެ. އެ ފަހަރު ވެސް އަހަންނަށް ކުރެވުނީ މަސްހުނި އިހުސާސެކެވެ. ނަބީލާއަށް ދެރަކަމެއް ނުވީތީ އުފާވާން ބޭނުންވިއެވެ. އަހަރެންގެ ހިތުގައި ފައި ކުރުކޮށްފައި ޖެހީތީ ރޯން ބޭނުންވިއެވެ. ކަށިން މަދުނަގައިގެން، ދަރަނިވެރިވެގެން އަޒްލިފާއަށް ވެދިން އެހީތަކުގައި އަލިފާން ޖެހީތީ ރުޅިއަންނަން ބޭނުންވިއެވެ.

"އެއީ ކާކު؟" ލޯބިން ރޭނދާއަޅައިގެން އަހަރެން ކުރަން އުޅުނު ސުވާލު ކަށިނަރުން ބަނދެފައި ގޮށެއްޖެހީމެވެ. "ހަމަ މިހާރު ބުނޭ!"

އަޒްލިފާ އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކުރިއެވެ. އަހަންނަށް ލަފާކުރެވުނު ގޮތުގައި އެ މީހަކު އަޒްލިފާ ގާތުގައި ހުއްޓެވެ. ފޯނުގައި އަޒްލިފާ އަތްއެޅިހެން އަހަންނަށް ހީވިއެވެ. އަޑަށް ވީ ގޮތުންނެވެ. ކޮންމެވެސް ވާހަކައެއް ދެއްކިހެން ވެސް ހީވިއެވެ.

"އާސިމް!" އަޒްލިފާ ބުންޏެވެ. "އަޅެ ރުޅިނާންނައްޗޭ! އޭނަގެ ވައިފް ނަސީރަށް ގުޅި ދޯ؟"

އަޒްލިފާ ހީކުރީ އަހަރެން އެނގި ހުރެ ނޭނގޭކަމަށް ހެދެނީކަމަށެވެ. އެކަމަކު އެ ހުރިހާ ވާހަކައެއް އަހަންނަށް އަލެވެ. އަޒްލިފާ ކުރިން ބުނި ގޮތުގައި އާސިމަކީ، އަޒްލިފާގެ ފޯނަށް ދިމާވި މައްސަލައިގައި އެހީތެރިވި މީހެކެވެ. އެ ދެމެދުގައި އެހެން ގުޅުމެއް ނެތެވެ. ދޮގަކަށް ފަހު ދޮގެކެވެ. މަކަރަކަށް ފަހު މަކަރެކެވެ.

"އަޅެ ވާހަކަދައްކަބަލަ! ޕްލީޒް!" އާދޭހުގެ ރާގެއްގައި އަޒްލިފާ ބުންޏެވެ.

އަހަންނަށް ފެންނަނީ އަހަރެންގެ ލޯބިވާ ދަރިފުޅު ނަބީލާއެވެ. އަހަންނަށް ވިސްނެނީ އެންމެ ކަމަކާއެވެ. އަހަރެންނަށް ކުރެވޭ ކުށަކުން ނަބީލާ ހިތުގަޖެހިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ.

"އެންމެ ޝަރުތެއް އޮތީ!" އަހަރެން ބުނީމެވެ. "ހުރިހާ ޑީޓެއިލެއް ދީ! ކުނޑިފުކެއް ވެސް އަހަންނަށް ފޮރުވައިގެން ނުވާނެ. ތިޔަ ގުޅުމެއް ދިޔަ ހިސާބަކާ، ކުރި ކަންތައްތަކަށް ދާންދެން، އަކުރުން އަކުރަށް ކިޔައިދީ!"

އަޒްލިފާއާއި އާސިމްގެ ހުރިހާ ކުޅިގަނޑެއް ކުޅެމުންދިޔައީ އަހަރެންގެ ދަރިފުޅަށް އަހަރެން ހަދައިދިން ކޮޓަރީގައެވެ. ދަރިފުޅު ނިދާފައި އޮންނަ އެނދުގައެވެ. ލަދުވެތިކަމާއި، މައިވަންތަކަމާއި، ވަފާތެރިކަމުގެ ހުރިހާ ފާރެއް އަޒްލިފާ ބިމާ ހަމަކޮށްފިއެވެ. ފުނޑުކޮށް ވެއްޔަށް ހަދައިފިއެވެ. އެއިން އެއްވެސް ކަމަކީ، ދުވަހަކު ވެސް މީހަކަށް އަންގަން އެ މީހުން ނިންމައިފައިވާ ކަމެއް ނޫނެވެ. އެކަމަކު، ހުރިހައި ކަމެއް އާސިމްގެ އަނބިމީހާއަށް ފަޅާއަރައިގެން އަނބިމީހާ ގޮސް އާސިމްގެ މައިންބަފައިން ގާތުގައި އެ ވާހަކަ ބުނީއެވެ. ބޮޑު މައްސަލަގަނޑަކަށްވީއެވެ. ދެން އަހަންނަށް އެ ކަންތައް ނުފޮރުވޭނެކަން ޔަގީންވުމުން، ރަށުން ފިލަން އަޒްލިފާއަށް މަޖުބޫރުވީއެވެ. ދެ ކުދިން ވެސް އަޒްލިފާގެ މަންމަޔާ ހަވާލުކޮށްފައި އަޒްލިފާ ލަންކާއަށް އައީ އެހެންވެއެވެ.

އަހަރެން ހިތަށްއެރިއެވެ. އަޒްލިފާއަށް ޓަކައި އަހަރެން ވީ ގުރުބާނީގެ އަގަކީ ކޮބައި ހެއްޔެވެ؟ ކުރި އިތުބާރާއި، ދިން އެހީތެރިކަމާއި، ލޯބީގެ އަގަކީ ވެސް ކޮބައި ހެއްޔެވެ؟ އެ ވަރުގެ ގޮތްކުޑަ މީހަކާ އިނދެގެން އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ވެސް ހަނދާންވިއެވެ. އަޒްލިފާއަށް މާފުކުރަން އަހަރެން ހުވައެއް ކުރީމެވެ. އެއަށް އިހުތިރާމުކުރަން ޖެހޭނެއެވެ. އަނެއްކޮޅުން، އަޒްލިފާ ގާތުގައި ނަބީލާ ބަހައްޓައިފިއްޔާ ނަބީލާއަށް ލިބޭނީ ކޮން ކަހަލަ ތަރުބިއްޔަތެއް ހެއްޔެވެ؟ އޭގެ ޒިންމާނަގާނީ ކާކު ހެއްޔެވެ؟ އެ ހިސާބުން އަދި ނިމުނީކީ ނޫނެވެ. ބައްޕަގެ ލޯބިން މަހުރޫމުވެފައި ތިބި، އަޒްލިފާގެ ދެކުދިންގެ ހާލު އަހަންނަށް ފެނެއެވެ. އަޒްލިފާ ވަރިކޮށްފިއްޔާ، އަހަރެންގެ ދަރިފުޅަށް ވެސް ވާނީ ހަމަ އެހެން ހެއްޔެވެ؟ އަހަންނަށް ނަބީލާ ގެނެވިދާނެއެވެ. އަހަރެންގެ މަންމައަށް ނަބީލާ ބެލިދާނެއެވެ. އެކަމަކު ހިތަށްއެރިއެވެ. އަހަރެން ޖެހޭނީ އަޒްލިފާއަށް މާފުކުރާށެވެ. އަހަރެން ޖެހޭނީ އެކުގައި އުޅެވޭތޯ ބަލާށެވެ. ދަރިފުޅަށް ޓަކައެވެ. އަހަންނަށް ކުރެވުނު ހުވަޔަށް ޓަކައިއެވެ.

"ނަސީރު! ވާހަކަދައްކަބަލަ! ޕްލީޒް!" ލާމަށް ދަމައިލައިފައި އަޒްލިފާ ބުންޏެވެ.

"އަހަރެން ކޮން ކުށެއް ކުރީ؟ އަޒްލިފާ ބުނެބަލަ!" އަރުގައި ލަގޮނޑި ތާށިވެފައިވާ ހާލުގައި އަހަރެން ބުނީމެވެ. "ވިސްނާލަބަލަ! އަހަންނަށް ލިބޭ ހުރިހާ އެއްޗެެއް ދީގެން، އަޒްލިފާގެ އެންމެނަށް ހަރަދުކޮށްގެން އަހަރެން މި އުޅުނީ. ތިހިރީ އަޒްލިފާ ކަންތައްކުރި ގޮތް. ވަރަށް ހިތަށް ތަދުވެއްޖެ!"

އަހަރެން ފޯނު ބޭއްވީމެވެ. އިތުރު މައުލޫމާތު އަހަންނަށް ލިބުނީ ފަހުންނެވެ. އެހެން މީސްމީހުންގެ ފަރާތުންނެވެ. ހަގީގަތުގައި އާސިމަށް ވެސް އަޒްލިފާ ދިނީ ލަނޑެކެވެ. އަޒްލިފާ ލަންކާއަށް ދިޔައީ އެހެން މީހަކާ ހިތާވެގެން އޭނަގެ އެދުމަކަށެވެ. އޭނަގެ ނަމަކީ މައުސޫމެވެ. އެއީ ވެސް މީހެއްގެ ފިރިއެކެވެ. ލަންކާއަށް ދާންވެގެން އަޒްލިފާ މާލެއައިސް އެއް ރޭ މާލޭގައި ހުއްޓެވެ. ހުންނާނެ ތަނެއް ހަމަޖައްސައިދިނީ މައުސޫމެވެ. ތެދަކީ ކޮބައިކަމެއް ދޮގަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ.

ލަންކާގައި އަޒްލިފާ ހުރީ އަހަރެންގެ ދައްތަ ބަދޫރާ ކައިރީގައެވެ. އެއީ ނަމެއްގައި އަޒްލިފާ ކުރި ކަމެކެވެ. އެ ގެއަށް އަޒްލިފާ އަންނަނީ ނިދަން އެކަންޏެވެ. ގިނަ ވަގުތު އަޒްލިފާ ހޭދަކުރީ މައުސޫމާ އެކުގައި، އޭނަ ހުރި ހޮޓަލުގައެވެ. އާސިމް ހިތުން އަޒްލިފާގެ މިލްކުވެރިޔަކީ އާސިމެވެ. މައުސޫމު ހިތުން އަޒްލިފާގެ މިލްކުވެރިޔަކީ މައުސޫމެވެ. އަޒްލިފާއަކީ އެއް މަލުން ނުކުމެފައިވާ ތިން ކަރުގަނޑުކަމެއް އެކަކަށް ވެސް ނޭނގެއެވެ. ބަދޫރާއަށް ޝައްކުވިއެވެ. އެކަމަކު ޔަގީން ނުވާތީ އަހަރެން ގާތުގައި އެ ވާހަކަ ނުބުނީއެވެ.

އަހަރެން ހިތަށްއެރިއެވެ. އަހަރެންގެ ދަރިފުޅު ގޮވައިގެން ގޮސް އެ ފަދަ ކަމެއް ކުރަން އަޒްލިފާއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ އެއީ ކޮން ކަހަލަ މަންމައެއް ހެއްޔެވެ؟ މީހަކަށް ހެޔޮކަމެއް ކޮށްދިނީމައި އޭގެ ބަދަލު ދެނީ އެހެން ހެއްޔެވެ؟ އަޒްލިފާއަކީ ކޮން ފަދަ ނިކަމެތި ހާލެއްގައި އުޅުނު ކުއްޖެއް ހެއްޔެވެ؟

އަހަންނަކީ ވަރަށް ގިނަ ލާރި ލިބުނު މީހެކެވެ. އެކަމަކު އެ ފައިސާއިން އެކައްޗެއް ވެސް ރައްކައެއް ނުކުރެވުނެވެ. އެހެން މަސައްކަތެއް ނުފެށުނެވެ. އަޒްލިފާއަށް ދީ ހުސްކުރީއެވެ. ހިތަށްއެރިއެވެ. ދެނެއް އެހެނެއް ނުވާނެއެވެ. އަޒްލިފާއަށް އިތުބާރުކޮށް، އޭނައަށް ހުރިހާ އެއްޗެއް ދެނެއް ހަރަދެއް ނުކުރާނަމެވެ. އަހަރެންގެ ހާލާ މެދުގައި ވެސް އަހަރެން ވިސްނަން އެބަ ޖެހެއެވެ. މާދަމާ ވެސް ވަޒީފާއަދާނުކުރެވޭ ކަހަލަ ހާލަތެއް މެދުވެރިވާ އިރު، ފަހަށް ރައްކާކުރަން އެބަ ޖެހެއެވެ. ދަރިފުޅުގެ މުސްތަގުބަލާ މެދު އަހަރެން ވިސްނަންވީ ވަގުތު އަތުވެއްޖެއެވެ.

އަހަންނަށް ކުރެވުނު ހުވަޔާ އެއްގޮތަށް އަޒްލިފާއަށް އަހަރެން މާފުކުރީމެވެ. އެކަމަކު އަޒްލިފާ ކަރުގައި ކަށްޓެއް ހުރަސްކުރުމަށް ފަހުގައެވެ.

ނުނިމޭ