100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ އެކަކު ދޫކޮށްލައިފި
100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ އެކަކު ދޫކޮށްލައިފި

ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ މީހުންގެ ތެރެއިން އެކަކު މިއަދު ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހުންގެ 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓުން ވަނީ އެކަކު ދޫކޮށްލަން ނިންމައިފަ އެވެ. އެއީ ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހިމް، 26، އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު މިކަން ކަށަވަރުކޮށްދީ "މިހާރު"އަށް ވިދާޅުވީ އޭނާ ދޫކޮށްލީ މިވަގުތަށް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ވަނަވަރު ހާމަ ކުރި އަށް މީހުންގެ އިތުރުން ޑްރަގްސް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ވެސް ހައްޔަރު ކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ. އެ މައްސަލަ އިސްތިއުނާފެއް ވެސް ނުކުރެ އެވެ. އަދި މައްސަލައިގައި ހިމެނޭ އެންމެންގެ މައުލޫމާތު ފުލުހުން އާންމު ކުރި އިރު އެ ދެ މީހުންގެ މައުލޫމާތު އާންމެއް ނުކުރެ އެވެ.

މި މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ އާއި ފަޅު ރަށްރަށާއި ސަފާރީއެއް އަދި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ. 100 ކިލޯއަށްވުރެގިނަ ހެރޮއިން ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

ބޮޑުކާށިހުރާއިން މަސްތުވާތަކެތި އަތުލައިގަތް ފަހުން ވެސް ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ. އެ މައްސަލައިގެ ތުހުމަތަށް މަޑުއްވަރީ ދެ ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.