27 އޮކްޓޯބަރ 2021 - 21:59

ނ. މާފަރު ހެލްތު ސެންޓަރު ހިންގާ އިމާރާތް ވަރަށް ބޮޑަަށް ބާވެ، އެ ތަނުގެ ފުރާޅާއި ސީލިންގް ވަނީ ބޮލަށް ވެއްޓޭ ވަރަށް ހާލަތު ގޯސްވެފައި ކަމަށް އެ ހެލްތު ސެންޓަރުން މިއަދު ބުނެފި އެވެ.

މެނޭޖަރު ސައިފުﷲ އަހުމަދު "މިހާރު" އަށް ވިދާޅުވީ މާފަރު ހެލްތު ޕޯސްޓް، ސިއްހީ މަރުކަޒަކަށް ބަދަލުކުރުމަށް ފަހު ވެސް ބޭނުން ކުރަމުން އަންނަނީ ހެލްތު ޕޯސްޓް ހިންގަމުން ދިޔަ އިމާރާތް ކަމަށެވެ. އެއީ 16 އަހަރު ވެފައިވާ އިމާރާތެއް ކަމަށް ވާއިރު، އެންމެ ބޮޑަށް ވީރާނާ ވެފައި ވަނީ ބަލި މީހުން ބަލާ ކޮޓަރި އާއި ވިއްސާ ކޮޓަރި އެވެ.

ފުރާޅުގެ ޓިނުތައް ބިންދައިގެން ގޮސް، މޫސުން ގޯސް ދުވަސްތަކުގައި ސީލިންގުން ފެން ފައިބާއިރު ސައިފުﷲ ވިދާޅުވި ގޮތުގައި އެއީ ބަލި މީހުން ބެލުމަށް އެއްގޮތަކަށް ވެސް ކަމުދާ ތަނެއް ނޫނެވެ. އެހެންވެ، ބައެއް ބަލި މީހުން އެ ތަނަށް ވަންނަން ބިރު ގަނެ، ދެކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންސަލްޓޭޝަން ރޫމްގެ ހާލަތު ވަރަށް ގޯސް. އެ ތަނަށް ބަލި މީހުން ވަންނަން ރިފިއުޒް ކުރާތީ އަޅުގަނޑުމެންގެ އޮފީސް ބައިގައި ބަލި މީހުން ބަލާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައި،" ސައިފުﷲ ވިދާޅުވި އެވެ.
މެނޭޖަރު ވިދާޅުވީ އެ ތަނުގެ އޮފީހުން ލިބެނީ އެންމެ ތިން ކެބިންގެ ޖާގަ ކަމަށް ވާއިރު، އެ ތަނުގައި އޭނާއާ އެކު ދެން ތިއްބަވަނީ ސިއްހީ މަރުކަޒުގެ ޒިންމާދާރުވެރިޔާ އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމަށެވެ. އެކަމަކު، ކުރިން ބަލި މީހުން ބަލަމުން އައި ތަނަށް އެޑްމިނިސްޓްރޭޓިވް އޮފިސަރު ބަދަލުކޮށް، އޮފީސް ބައި ވަނީ ކޮންސަލްޓޭޝަން ރޫމަކަށް ބަދަލުކޮށްފަ އެވެ.
"ބަލި މީހުން އޮފީސް ބައިގައި ބަލާތީ، ބަލި މީހުން އައީމާ އަޅުގަނޑުމެން ދަނީ އެ ތަނުން ބޭރަށް. އަޅުގަނޑުމެންގެ މަސައްކަތްތަކަށް ވެސް ވަރަށް ދަތި މި ގޮތަށް ހިންގަން ޖެހޭތީ،" ސައިފުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އައި ކޮޅިގަނޑެއްގައި ހެލްތު ސެންޓަރުގެ ފުރާޅު ވެސް އެއްލާލާފައިވެ އެވެ، އެ ފަހަރު ވެސް ހެލްތު މިނިސްޓްރީގައި އެދިގެން އެ ތަން މަރާމާތް ކުރުމުގެ ހަރަދު ހަމަނުޖެހިގެން އެކަން ކުރަން ޖެހެނީ ސައިފުﷲ ގެ އަމިއްލަ ސާމާނުގަ އެވެ.
"މި ތަން އޮތީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި. މީގެ ކުރިން އައި ކޮޅިގަނޑެއްގައި ލޭބާ ރޫމްގެ ސްްޓާފެއްގެ ބޮލަށް ސީލިންގް ވެސް ވެއްޓުނު،" މެނޭޖަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިއްހީ މަރުކަޒުގެ މަރާމާތުގެ ކަންކަން ކޮށްދިނުމަށް އެދި ހެލްތު މިނިސްޓްރީ އަށް އަންގަން ޖެހެނީ މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލު މެދުވެރިކޮށް ކަމަށެވެ. އެގޮތަށް އެތައް ފަހަރަކު އެދިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މާފަރު ހެލްތު ސެންޓަރުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެތަން މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އެއް ފަހަރު އިއުލާން ވެސް ކުރި އެވެ. އެކަމަކު އެ ފަހަރު ބިޑް ކާމިޔާބުކުރި ފަރާތުން މަަސައްކަތްނުކޮށް ދޫކޮށްލުމުން، އަލުން ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށް ސައިފުﷲ ވިދާޅުވެ އެވެ.
"އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެނީ ބަޖެޓްގެ ހުއްދަ އަށް މިނިސްޓްރީގައި އެދިފައިވާ ކަމަށް. އެކަމަކު މިނިސްޓްރީން އަދިވެސް ހުއްދައެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އާބާދީގައި 1،200 އަށް ވުރެ ގިނަ މީހުން އުޅޭ މާފަރަކީ ބައިލަލްއަގްވާމީ އެއާޕޯޓެއް ވެސް އޮންނަ ރަށަށް ވެފައި، ސިއްހީ އެކި ބޭނުންތަކުގައި އެ އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރާ މީހުން ވެސް އެ ރަށުގެ ސިއްހީ މަރުކަަޒަށް ބަރޯސާވާން ޖެހެ އެވެ. އެކަަމަކު މާރާމާތަށް ޖެހިފައިވާ ވަރަށް އެ ތަނުގައި ކެޕޭސިޓީއެއް ވެސް ނެތެވެ. ބަލި މީހުން އެޑްމިޓްކުރުމަށް ވެސް ހުރީ އެންމެ ތިން އެނދެވެ.