30 އޮކްޓޯބަރ 2021 - 09:17

މީގެ ދެ ހަފްތާ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ ޑްރަގްސް ހޯދައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ތިބި ލޯންޗުން ފެނުނު ސެޓެލައިޓް ފޯނެއްގައި ރާއްޖޭ ސަރަހައްދުން ބޭރަށް ދިޔަކަން އެނގޭ މެސެޖުތައް އެބަހުރި ކަމަށާއި އެ މީހުން ދަތުރަށް ބޭނުންކުރި ޕެޓްރޯލް އެޅި ހަންތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ) އާއި މެރިން ޕޮލިހާއި ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 15 ވަނަ ދުވަހު 215 ކިލޯގެ ހެރޮއިން ހޯދީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ރާނބުގަލިންނެވެ. މި ތަކެތި ކަނޑުމަގުން ރާއްޖެ ގެނެސް އެ ރަށަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަލީ ޝާކިރު، 42، އަދި ނިމާލް އަބްދުލްހާރިސް، 33، އެވެ. މި ދެ މީހުންނަކީ ރ. މަޑުއްވަރީ ދެ މީހުންނެވެ.
މި ދެ މީހުން ޑްރަގްސްތައް ފޮރުވާފައި ރ. މަޑުއްވަރިއަށް ލޯންޗުގައި ދަނީ ކަމަށް ޝައްކުވެގެން ކަނޑުމަތިން ހުއްޓުވައި ހައްޔަރުކުރުމުން ފުރަތަމަ ދިން ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އިއްޔެ ފުލުހުން ހެކި ހުށަހެޅުމުން ވަނީ އިތުރު 15 ދުވަހުގެ ބަންދެއް ދީފަ އެވެ.
ބަންދު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައި ހުރި ވާހަކަތަކަށް ބަލާއިރު މި ދެ މީހުން ދަތުރުކުރި "ފެށުން 2" ލޯންޗުން ސެޓެލައިޓް ފޯނެއް ފެނިފައިވެ އެވެ. އަދި އެ ލޯންޗު ގެގަނޑާ ދިމާލުން ލިބިފައި ހުރި ގެއްލުމަކަށް ބަލާއިރު އެއީ ބޯޓަކާ ކައިރިކޮށްފައިވާ ކަމުގެ ނިޝާންތަކެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި ދެ މީހުންނަށް ޝައްކުވެގެން ހުއްޓުވައި، ކައިރި ފަޅު ރަށްތައް ބަލަމުން ދަނިކޮށް ރ. ބޮޑުފަރުން ޕެޓްރޯލް ހުސްކުރި 63 ހަން ފެނިފައިވާ ކަމަށާއި އެއީ މަސްތުވާތަކެތި ބަލައި ދިއުމަށް ޓެސްޓް ދަތުރެއް ކުރުމަށް ލޯންޗަށް ހޯދި ޕެޓްރޯލް އެޅި ހަންތައް ކަމަށް ބުނި ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މަސްތުވާތަކެތި ފެނުނީ ރ. ރާނބުގަލީގައި އެ ތަކެތި ހުންނާނެ ކަމަށް ބުނެ ދެ މީހުން ދިން މައުލޫމާތުންނެވެ.
"ފުލުހުން ރ. ރާނބުގަލި ބަލައިފާސްކުރުމުން ތުހުމަތުކުރެވޭ ދެ މީހުން، މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނި ކަށިކެޔޮގަހުގެ ތެރެއިން 11 ގޯނި ފެނިގެން ނަގައި އެ ގޯނިތައް ބަލައި ފާސްކުރުމުން [ޖުމްލަ] މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 215 ކަރުދާސް ކޮތަޅު [ވަގުތީ ބަރުދަނުގައި 215 ކިލޯ] ހުރި ކަމަށް ފާހަގަކޮށްފައިވޭ،" ކޯޓު އަމުރުގައިވެ އެވެ.
މި މީހުންގެ އަތުން ފެނުނު ސެޓެލައިޓް ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓަށް ބަލާއިރު ލޯންޗުގައި ރާއްޖޭ ސަރަހައްދުން ބޭރަށް ދިޔަކަމާއި ބޯޓަކާ ބައްދަލުކުރި ކަމުގެ މެސެޖުތަކެއް ވެސް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ތުހުމަތުކުރެވޭ ދެ މީހުން ކުށަށް އިންކާރުކޮށްފައި ވާއިރު ދިފާއީ ވަކީލުން ކޯޓުގައި ބުނެފައި ވަނީ މި މައްސަލާގައި ހިމެނޭ ލޯންޗު ބަލައިފާސްކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް، ލޯންޗުގެ ވެރިފަރާތުގެ ހުއްދަ ނެތި ކަމަށެވެ.
ޕެޓްރޯލް ހުސްކުރި ހަންތަކާ ބެހޭ ގޮތުން ފުލުހުން ދެއްކީ ވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި މަސްތުވާތަކެތި ހުރި ތަން ދެއްކީ މި މީހުން ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް ދިފާއީ ވަކީލުން ބުންޏެވެ.
ތުހުމަތުކުރެވޭ ދެ މީހުންނަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި ބަންދުގައި ތިބި އިރު ވެސް ވަކީލުންނާއި އާއިލާ އަށް ނޭނގި އެކި ރަށްރަށަށް ގެންގޮސްފައިވާ ކަމަށާއި އަނިޔާކުރީ އެ ރަށްރަށަށް ގެންގޮސްފައި ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ފުލުހުން ވަނީ އަނިޔާކުރި ކަމުގެ ތުހުމަތަށް އިންކާރުކޮށް އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމާއި މެޑިކަލް ރިޕޯޓެއް ހަދާފައި ވާއިރު އެއިން ވެސް އެކަން އެނގެން ނެތް ކަމަށެވެ. ފުލުހުން މިހެން ބުނުމުން ދިފާއީ ވަކީލަކު ވަނީ ފުލުހުން އަނިޔާކުރަނީ ވަރަށް ސްމާޓްކޮށް ކަމަށާއި އެ އަނިޔާތައް ބޭރަށް ފެންނަން ނުހުންނާނެ ކަމަށް ބުނެފަ އެވެ.
ފުލުހުން ވަނީ ކަންކަށިމަތީގައި ޖަހައި މޫނަށް ޕެޕަސްޕްރޭ ޖަހައި މުޅި ދުވަހު އަނިޔާކޮށްފައި ކަމަށާއި އެހެންވެ ގައިގައި ވަރަށް ބޮޑަށް ރިއްސާ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ. ޕެޓްރޯލް ހުސްކުރި ހަންތަކާ ބެހޭ ގޮތުން "ކޮންމެވެސް އެއްޗެއް ބުނެވުނީ" ވެސް އަނިޔާކުރުމުގެ ސަބަބުން ކަމަށް ވަނީ ބުނެފަ އެވެ.
ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރަން އިންކާރުކޮށް ކުޑަކަމުދާ ތަކެތި ދީފައި ނުވާކަން ފާހަގަކުރުމުން ބުނެފައިވަނީ އެކަން ކޮށްފައި ނުވަނީ ފިރިހެން ފުލުހެއްގެ ކުރިމަތީ އެކަން ކުރަން އެންގުމުން ކަމަށާއި ސާމްޕަލް ދޭން މިހާރު ކޯޓުން އަމުރުކޮށްފި ނަމަ ދޭނެ ކަމަށެވެ.
އިންޓެލިޖެންސް ރިޕޯޓާއި ސީން އަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި ލިބިފައިވާ ހެކިތައް ދިމާވާކަން ގާޒީ އާދަމް މުހައްމަދު ފާހަގަކުރައްވާފައިވެ އެވެ. ބަންދުގެ މުއްދަތު އިތުރުކޮށް ނެރުއްވި އަމުރުގައި، ދެ މީހުންނަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް ބުނެފައި ވާތީ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނެސް، އެކަން ބަލަން ވަނީ އަންގަވައިފަ އެވެ.
މި 215 ކިލޯގެ ޑްރަގްސް އަކީ ފަހުގެ ތާރީހެއްގައި އެއްފަހަރާ ރާއްޖޭން އެންމެ ގިނަ އަދަދަކަށް ފެނު މަސްތުވާތަކެއްޗެވެ. މި ތަކެތި އަތުލުމުގެ ދެތިން ދުވަސް ކުރިން ފުލުހުންގެ އެހެން އޮޕަރޭޝަނެއްގައި ވަނީ 100 ކިލޯގެ ޑްރަގްސް ވެސް ހޯދައިފަ އެވެ. ނަމަވެސް އެކަމުގައި އެންމެ އިސްކޮށް ތިބި ކަމަށް ޝައްކުކޮށް ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކޮށެއް ނުދެ އެވެ. އަދި ގިނަ ބަޔަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.