30 އޮކްޓޯބަރ 2021 - 12:10

ފަޅުރަށެއްގައިި ފޮރުވާފައި ހުއްޓައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ފުލުހުން ބޮޑެތި އަނިޔާތަކެއް ކުރިކަމުގެ ތުހުމަތު ކުރާތީ އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަންގައިފި އެވެ.
ރ. އަތޮޅު ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ މިމަހު އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރީ ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސާއި އެރަށު ފިނިފަރު، އަލީ ޝާކިރެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް ރެކޯޑް އަދަދެއްގެ މަސްތުވާތަކެއްޗެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ މީހުންގެ ފަރާތުން ވަނީ ފުލުހުން ބޮޑެތި އަނިޔާތަކެއް ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރެއިން ޝާކިރުގެ ފަރާތުން ބުނެފައިވަނީ އޭނާ ހައްޔަރުކުރި ދުވަހުގެ އިރުއޮއްސުނުއިރު ފެށިގެން އަނެއް ދުވަހުގެ ފަތިސް ވަންދެން ފަޅުރަށުގައިި އޭނާއަށް އަނިޔާކުރި ކަމަށެވެ. ޕެޕާ ސްޕްރޭ ޖަހައި، އަތުންނާއި ފައިން އޭނާގެ ގައިގައި ތެޅި ކަމަށާއި އެހެންވެ، ހެޔަށް ގޮތްވެ، ވާނުވާ ނޭނގޭ މިންވަރަށް އަނިޔާ ލިބުނު ކަމަށް ބުނެފައިވެ އެވެ.
އޭނާގެ ފަރާތުން ބުނެފައިވާ ގޮތުން އަނިޔާތަކުގެ ސަބަބުން އަމިއްލައަށް އުޅެން މިހާރު އުނދަގުލެވެ. އަދި މޭކަށިތަކުގައި ރިއްސުމުގެ އިތުރުން އަތާއި ފައި އަތްސިވެފައިވާ ކަމަށާއި ފުލުހުން މިހާރު އަނިޔާކުރަނީ ބޭރު ފުށުން އަނިޔާ ނުފެންނަ ގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
"ފުލުހުންގެ ފަރާތުން އަނިޔާ ކުރަނީ ވަރަށް ސްމާޓްކޮށް ކަމަށާއި އެތެރެ ހައްޓަށް ވެފައިވާ އަނިޔާތައް ބޭރަށް ފެންނަން ނުހުންނާނެ ކަމަށް ފާހަގަކުރި" ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެ މީހުންނަށް އަނިޔާކުރި ކަމަށް ފުލުހުން ކޯޓުގައި އިންކާރުކުރި އެވެ. އަދި އެ މީހުންގެ ސިއްހީ ހާލަތު ބެލުމަށްފަހު ހެދި ރިޕޯޓުގައި ވެސް، އަނިޔާއެއްގެ ވާހަކަ ފާހަގަކޮށްފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައިވަނީ އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެޗްއާރުސީއެމުން ބެލުމަށްފަހު އެކަން ކޯޓާ ހިއްސާކުރަން އަންގަވައިފަ އެވެ. އަދި އެ މީހުންނަށް ސިއްހީ ފަރުވާ ދިނުމަށާއި އެކަމާބެހޭ ލިޔުންތައް ކޯޓާ ހިއްސާކުރަން ފުލުހުންނަށް ވެސް އެ އަމުރުގައި އަންގާފައިވެ އެވެ.
މި ތުހުމަތުތަކާ އެކު ވެސް އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.