30 އޮކްޓޯބަރ 2021 - 13:50

ގަލޮޅު ސްކޫލްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި މަސައްކަތު އަންހެނަކަށް ތުހުމަތުކުރެވިފައި ވާތީ މަސައްކަތު ހުރިހާ އަންހެނުން އިއްޔެ ސަސްޕެންޑް ކޮށްފި އެވެ.
މީގެ ކުރިން ވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިކަމާ ގުޅުން ހުރި ދެ މީހަކު ސަސްޕެންޑްކޮށްފަ އެވެ.
ސްކޫލްގެ މެނޭޖްމަންޓުން ބެލެނިވެރިންނަށް މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ މަސައްކަތު ހުރިހާ އެންމެން (ދައްތަމެން) އިއްޔެއިން ފެށިގެން ވަޒީފާ އިން އެކަހެރިކޮށްފައިވާ ކަމަށާއި ކުދިން ދެން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.
ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާވެފައިވަނީ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން ފާހާނާއަށް ފޮނުވި ފަހުން ކަމަށް ކުއްޖާގެ ބެލެނިވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
އޭގައި ބުނެފައިވަނީ ފާހާނާކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކު ހުރި ނަމަ އެކަން ބެލެނިވެރިޔާއަށް އަންގާނެ ކަމަށެވެ.
މެނޭޖްމަންޓުގެ ދެންނެވުމުގައިވާ ގޮތުން މިހާރު ވަނީ ސްކޫލްގެ 18 ތަނެއްގައި ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފަ އެވެ. އަނިޔާ ލިބުނު ކުއްޖާގެ އާއިލާ އިން ވަނީ އެކަން ހިނގި ދުވަހުގެ ސީސީޓީވީ ފުޓޭޖަށް ކުރިން އެދިފަ އެވެ. އެކަމަކު ސްކޫލުގެ އެއްވެސް ފްލޯއެއްގައި ކެމެރާ އޭރު ހަރުކޮށްފައެއް ނެތެވެ.
ކުއްޖާގެ ބެލެނިވެރިން "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ކުއްޖާ ހަވާލުކުރެވުނު މީހެއް އާންޓީ ހަނދާނެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. އެ ކުދިން ތިބި ފްލޯގެ ފާހާނާ އަށް ގެންދަން މަސައްކަތު މީހަކާ ހަވާލުކުރި ކަމަށް އާންޓީ ބުންޏަސް ގެންދިޔައީ ގްރައުންޑް ފްލޯގެ ފާހާނާއަކަށް ކަމަށް ވެސް ބުންޏެވެ.
ކުއްޖާ ސްކޫލުން އައި ތަދުވާތީ އުޅެން ފެށުމުން ވީގޮތް ބަލައި، އޭޑީކޭ އިން ހަމަ އެ ދުވަހު ހެދި ރިޕޯޓުގައި އޮތް ގޮތުން، ކުއްޖާގެ ޖިންސީ ގުނަވަނަށް އަނިޔާ ވެފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ޖިންސީ ގުނަވަނުގެ އެތެރެއިން 1.5 ސެންޓިމީޓަރަށް ވަނީ ކަނޑައިގެން ގޮސްފަ އެވެ.
މި މައްސަލާގައި ސްކޫލުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކުރި ނަމަވެސް ސްކޫލްގެ އިސްވެރިއަކު ކުރިން "މިހާރު" އަށް ވިދާޅުވީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި އެ ސްކޫލް ހިނގަނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި މައުލޫމާތު ދެވޭނީ މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.