ސޮނެވާ ޖާނީން މާފަރު ހެލްތު ސެންޓަރު މަރާމާތުކުރަނީ
ސޮނެވާ ޖާނީން މާފަރު ހެލްތު ސެންޓަރު މަރާމާތުކުރަނީ

ނ. މާފަރު ހެލްތު ސެންޓަރު ހިންގާ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނުގެ ފުރާޅު ފޫގޮސް، ސީލިންގު ހަލާކުވެފައިވާތީ އެތަނުގެ މަރާމާތުގެ މަސައްކަތް ސޮނެވާ ޖާނީން ކޮށްދޭން ނިންމައިފި އެވެ.

ސޮނެވާ ޖާނީން މާފަރު ހެލްތު ސެންޓަރު މަރާމާތުކުރަނީ
ސޮނެވާ ޖާނީން މާފަރު ހެލްތު ސެންޓަރު މަރާމާތުކުރަނީ

މާފަރު ކައިރީގައި އޮންނަ ސޮނެވާ ޖާނީ އަކީ ކުރިން ވެސް އިޖުތިމާއީ އެކި ކަންކަމުގައި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ރިސޯޓެކެވެ. ވަކިން ހާއްސަކޮށް އެ ރިސޯޓުން ނ. އަތޮޅުގެ ރަށްތަކަށްދޭ އެހީ އިތުރެވެ.

ސޮނެވާ ޖާނީން މާފަރު ހެލްތު ސެންޓަރު މަރާމާތުކުރަނީ
ސޮނެވާ ޖާނީން މާފަރު ހެލްތު ސެންޓަރު މަރާމާތުކުރަނީ

މާފަރު ހެލްތު ސެންޓަރުގެ މެނޭޖަރު، ސައިފުﷲ އަހުމަަދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ސޮނެވާގެ އެހީގައި ހެލްތު ސެންޓަރުގެ މަރާމާތުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު އެވެ.

މާފަރު ހެލްތު ޕޯސްޓް، ސިއްހީ މަރުކަޒަކަށް ބަދަލުކުރުމަށް ފަހު ވެސް ބޭނުން ކުރަމުން އަންނަނީ ހެލްތު ޕޯސްޓް ހިންގަމުން ދިޔަ އިމާރާތެވެ. ގާތްގަނޑަކަށް 16 އަހަރު ވެފައިވާ އެ އިމާރާތުން އެންމެ ބޮޑަށް ވީރާނާވެފައިވާ ބަލި މީހުން ބަލާ ކޮޓަރި އާއި ވިއްސާ ކޮޓަރީގެ ސީލިންގު ބަދަލުކުރާނެ އެވެ. އަދި ފުރާޅުން ފޫގޮސްފައިވާ ތަންތަން ވެސް ރަނގަޅުުކުރާނެ ކަމަށް ސައިފުﷲ ވިދާޅުވި އެވެ.

ސައިފުﷲ ވިދާޅުވީ މިހުރިހާ މަސައްކަތެއް ވެސް ކުރަނީ ސޮނެވާ ޖާނީގެ ހަރަދުގައި ކަމަށެވެ. ސޮނެވާ ޖާނީގެ މަަސައްކަތްތެރިންނާއެކު އެ މަސައްކަތުގައި ބައިވެރިވުމަށް މާފަރުގެ ބައެއް މީހުން ނަގާފައިވާއިރު އެމީހުނަށް މުސާރައިގެ ކަންކަން ހަމަޖައްސާނީ ވެސް އެ ރިސޯޓުން ކަމަށް ސައިފުﷲ ފާހަގަކުރެއްވި އެވެ.

ދެ ދުވަހެއްގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެ އެވެ.

"މިނިސްޓަރު ނަސީމްގެ ރިކުއެސްޓަކަށް ކަމަށް މައުލޫމާތު ލިބޭ މިތަނުގެ މަރާމާތު ސޮނެވާއިން ކޮށްދެނީ،" ސައިފުﷲ ވިދާޅުވި އެވެ.

ފުރާޅުގެ ޓިނުތައް ހަލާކުވެ، މޫސުން ގޯސް ދުވަސްތަކުގައި ސީލިންގުން އެތަނަށް ފެން ފައިބަ އެވެ. އެ އިމާރާތަކީ ބަލި މީހުން ބެލުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ދިޔައީ ފާޅުކުރަމުންނެވެ.

އެހެންވެ ބަލި މީހުންް ބަލަމުން އަންނަނީ މަރުކަޒުގެ އޮފީސް ބައިގަ އެވެ. އެކަމަކު އެގޮތަށް އެކަން ކުރަމުން އަންނަނީ، ކުރިން ބަލި މީހުން ބަލަމުން އައި ތަނަށް އެޑްމިނިސްޓްރޭޓިވް އޮފިސަރު ބަދަލުކޮށްގެންނެވެ. އެއީ އޮފީހުން ލިބެނީ ތިން ކެބިންގެ ޖާގަ ކަމަށްވާތީ އެވެ.

ގަދަ ވިއްސާރާގައި މީގެ ކުރިން އެތައް ފަހަރަކު މާފަރު ހެލްތު ސެންޓަރުގެ ފުރާޅު އެއްލާލާފައިވެ އެވެ. އަދި މީހުން ވިއްސާ ކޮޓަރީގެ ސީލިންގުން ބައެއް، ސްޓާފެއްގެ ބޮލަށް ވެސް ވެއްޓުނެވެ.

ބާރަ ސަތޭކައަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މާފަރަކީ ބައިނަލްއަގުވާމީ އެއާޕޯޓެއް ވެސް އޮންނަ ރަށަށް ވެފައި، ސިއްހީ އެކި ބޭނުންތަކުގައި އެ އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރާ މީހުން ވެސް އެ ރަށުގެ ސިއްހީ މަރުކަަޒަށް ބަރޯސާވާން ޖެހެ އެވެ.