31 އޮކްޓޯބަރ 2021 - 19:51

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ފްލެޓް ލިބުނު ގިނަ ބަޔަކު ފްލެޓް ކައިރީގައި ހައްދަމުން އައި ގަސްތައް ނަގަން އެޗްޑީސީން ނިންމައިފި އެވެ.
ބައެއް ފްލެޓްތައް، ވަކިން ހާއްސަކޮށް ޗައިނާ ފްލެޓްތައް ސަރަހައްދުގެ ބޮޑު ބައެއްގައި ގިނަ އަދަދެއްގެ ގަސް އިންދާފައި ވިޔަސް މިއީ ކުރިއްސުރެން އެޗްޑީސީން މަނާކޮށްފައި އޮތް ކަމެކެވެ. އެކަމަކު ވެސް ގިނަ ބަޔަކު އަންނަނީ މާގަސްތަކާއި ބޮޑެތި ބިޔަ ގަސްތައް އެތަނުގައި ހައްދަމުންނެވެ.
މިކަން ބޮޑުވެ، ބައެއް ފްލެޓްތަކުގައި އުޅޭ މީހުން މިކަމުގެ ޝަކުވާ ވެސް ކުރެ އެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކުގެ ތިރީގައި ހައްދާފައިވާ ގަސްތައް ނެގުމަށް އަންގާފައި ވަނީ އެތަނުގައި ހެދިކާ ޓެންޓުތަކެއް ހެދުމަށް ކަމަށެވެ.
އެ ބިމަކީ އެޗްޑީސީގެ ބިމެއް ކަމުން، ކުރިން ވެސް އެކި ފަހަރު މަތިން އެތަން ހުސްކުރުމަށް އެންގީ އެތަނުގައި އެކި މަސައްކަތްތައް ކުރިއަށް ގެންދަން ޖެހިދާނެތީ އެވެ. މި މަހުގެ 15 ގެ ކުރިން ގަސްތައް ނަގައި އެތަން ހުސްކުރުމަށް އެންގުމުން ގިނަ ބަޔަކު އެތަން ހުސްކޮށްފައި އެބަ ހުއްޓެވެ. އެކަމަކު އެޗްޑީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބައެެއް މީހުން އަދިވެސް ގަސްތައް ނަގާފައި ނުވާތީ މި ހަފްތާގެ ތެރޭގައި އެ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށާނެ އެވެ.
އެތަނުގައި ހުރި ބިޔަ ބޮޑެތި ގަސްތައް ނެގުމަށް ފަހު އެހެން ސަރަހައްދެއްގައި އެ ގަސްތައް އިންދާނެކަމަށް ވެސް އޮފިޝަލް ވިދާޅުވެ އެވެ.