ކޮންޓޭއަށް ބޮޑެތި ބާރުތަކެއް ދޭން ލެވީ އެއްބަސްވެއްޖެ
ކޮންޓޭއަށް ބޮޑެތި ބާރުތަކެއް ދޭން ލެވީ އެއްބަސްވެއްޖެ

ލަންޑަން (ނޮވެމްބަރު 3) - ޓޮޓެންހަމް ހޮޓްސްޕާސްގެ އާ ކޯޗް އޮންޓޯނިއޯ ކޮންޓޭ އަށް، ބޮޑެތި ބާރުތަކެއް ދޫކޮށްލަން އެ ކްލަބުގެ ޗެއާމަން ޑެނިއަލް ލެވީ އެއްބަސްވެއްޖެ އެވެ.

ކޮންޓޭއަށް ބޮޑެތި ބާރުތަކެއް ދޭން ލެވީ އެއްބަސްވެއްޖެ
ކޮންޓޭއަށް ބޮޑެތި ބާރުތަކެއް ދޭން ލެވީ އެއްބަސްވެއްޖެ

ކޮންޓޭ އަށް ދީފައިވާބާރުތަކަކީ މީގެ ކުރިން ޓޮޓެންހަމްގައި މަސައްކަތް ކުރި ކޯޗަކަށް ނުދީ އޮތް ބާރުތަކެކެވެ. އެ ޓީމުގެ ކުޅުންތެރިންގެ ފޭވަރިޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި މައުރީޝިއޯ ޕޮޗެޓިނޯ އަށް ވެސް ލެވީ ނުދޭވަރުގެ ޔަގީންކަމެއް ކޮންޓޭ އަށް ވަނީ ދީފަ އެވެ.

އޭގެ ތެރޭގައި ކޮންޓޭ ބޭނުންވާ ކުޅުންތެރިން ގެނައުމާއި އޭނާ ބޭނުންވާ ކުޅުންތެރިން ވިއްކާލުމުގެ ބާރުތައް ވެސް އޭނާ އަށް ދިނުމަށް ލެވީ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ޓްރާންސްފާގައި ކޮންޓޭއާއެކު މަސައްކަތް ކުރާނީ މީގެ ކުރިން އޭނާ އާއެކު ޔުވެންޓަސްގައި ވެސް މަސައްކަތް ކުރި ފަބިއޯ ޕެރަޓީޝީ އެވެ. ޕެރަޓިޝީ އާއި ކޮންޓޭ ވަނީ 2011-2014 އަށް ޔުވެންޓަސްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.

ކުރީގެ ކޯޗް ޕޮޗެޓިނޯ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކްލަބުން ޓްރާންސްފާގައި ހަރަދު ނުކުރުމެވެ. ނަމަވެސް ކޮންޓޭ ގެނައީ ޓްރާންސްފާގައި ހަރަދު ކޮށްދޭނެކަމުގެ ޔަގީންކަމާ އެކު އެވެ.

ކޮންޓޭ ބުނީ، ޓޮޓެންހަމް އަކީ އުންމީދީ ޕްރޮޖެކްޓެއް އޮތް ކްލަބެއް ކަމަށެވެ. އެ ޓީމުގެ ކުޅުންތެރިންނާ އެކު މަސައްކަތް ކުރަން އޭނާ ކެތްމަދުވެފައި ހުރި ކަމަށެވެ.

އިއްޔެ ކޮންޓޭ ވަނީ ޓޮޓެންހަމްގެ ޓްރޭނިން ގުރައުންޑަށް ގޮސް އެ ކްލަބުގެ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ. އެކަމަކު އަދި މިހާތަނަށް އޭނާ އަށް ވޯކްމިޓް ނުލިބޭތީ ރަސްމީ މުބާރާތްތަކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތެވެ. އެ ކްލަބުން އުންމީދު ކުރަނީ މިއަދު އޭނާ އަށް ވޯކްޕާމިޓް ކާޑު ލިބި، ޔޫއެފާ ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުގައި އޭނާ އަށް ބެންޗުގައި ހުރެވޭނެ ކަމަށެވެ.