ޝާހްރުކް ދުވަސްކޮޅަކަށް މުމްބާއީ ދޫކޮށް އަލިބާގަށް
ޝާހްރުކް ދުވަސްކޮޅަކަށް މުމްބާއީ ދޫކޮށް އަލިބާގަށް

މިދިޔަ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު ދަރިފުޅު އަރިއަން ޚާން މިދިޔަ ހޮނިހިރު ދުވަހު ދޫކޮށްލާފައިވާތީ އާއިލާއާ އެކީ ޝާހްރުކް ޚާން ދުވަސްކޮޅަކަށް މުމްބާއީގެ ހަލިބޮލިކަމުން ދުރުވާން އަލިބާގަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހްރުކްގެ އަމިއްލަ ބޮޑު ގެއެއް ވެސް ހުންނަ އަލިބާގަކީ މުމްބާއީގެ ދެކުނުން އޮންނަ އައްސޭރިފަށުގެ އަވަށެކެވެ. އެތަނަކީ ވަރަށް އާންމުކޮށް ޝާހްރުކް އާއިލާ ގޮސް އުޅޭ ތަނެކެވެ. އަދި އާއިލީ ގިނަ ހަފުލާތައް ވެސް އަލިބާގްގައި ފާހަގަކުރެ އެވެ. އެތަނަކީ މުމްބާއީގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ޝާހްރުކް މުމްބާއީގައި މިހާރު ނެތްކަން ކަށަވަރުވީ އަންގާރަ ދުވަހު ފާހަގަކުރި 56 ވަނަ އުފަން ދުވަހާ ދިމާކޮށް، ވަރަށް ގިނަ އަދަދެއްގެ ފޭނުން މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ މަންނަތު ކައިރިއަށް ޖަމާވުމުން ފުލުހުންގެ ފަރާތުންނެވެ. ގެ ކައިރި އަށް އެއްވި މީހުން ގާތު ފުލުހުން ބުނީ ޝާހްރުކް ގޭގައި ނޫޅޭ ކަމަށާއި އެހެންވެ އެ ސަރަހައްދު ދޫކޮށް ދާން އެދޭ ކަމަށެވެ. އެކަން ފުލުހުންނަށް އެނގުނީ ޝާހްރުކްގެ މެނޭޖަރު ޕޫޖާ ދަދްލާނީގެ ފަރާތުންނެވެ.

ޝާހްރުކްގެ ފޭނުން އަބަދު ބެސް އޭނާގެ އުފަން ދުވަހާ ދިމާކޮށާއި އެ ނޫން ވެސް އުފާތަކާ ގުޅިގެން މަންނަތު ކައިރި އަށް ޖަމާވެ އެވެ. އަދި އަރިއަން ހައްޔަރުކޮށް ދޫކޮށްލުމާ ހަމައަށް ވެސް ފޭނުން މެދުކެނޑުމެއް ނެތި އެކި އިބާރާތްތައް ލިޔެފައިވާ ބޯޑުތަކާ އެކު ގެ ކައިރި އަށް އެއްވެ، ޝާހްރުކަށް ހިތްވަރު ދީފައިވެ އެވެ.

މުމްބާއީ ދޫކޮށް އާއިލާއާ އެކީ ޝާހްރުކް ދުވަސްގަނޑަކަށް އަލިބާގަށް ގޮސްފައި މި ވަނީ ދުވަސްތަކެއް ވަންދެން އަަރިއަން ވެސް އެތަނުގައި ބަހައްޓަން ނިންމާފައިވާ ކަމަށް މީޑިއާތަކުން މި ހަފުތާގައި ރިޕޯޓް ކޮށްފައި ވަނިކޮށެވެ. އެހެންވެ މިހާރު އަރިއަންގެ ސެކިއުރިޓީ އަށް ވެސް ހާއްސަ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ. ބޭނުމަކީ ދެން އޭނާ އަށް ކުރިން ފާރަވެރިނުވާ ވަރަށް ފާރަވެރިވުމެވެ.

ޖަލުގައި 28 ދުވަސް ވަންދެން އަރިއަން، 23، ބަންދު ކޮށްފައި ބެހެއްޓީ މިދިޔަ މަހުގެ ކުރީކޮޅު ކްރޫޒް ލައިނެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް ކަމަށް ބުނެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. މި މަހުގެ 13 ވަނަ ދުވަހަކީ އޭނާގެ 24 ވަނަ އުފަން ދުވަހެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނާނީ އަންނަ މަހުގެ ތެރޭގަ އެވެ. އޭނާ އޮތީ ދެ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ ސިދާތު އާނަންދުގެ "ޕަތާން" އާއި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ލަޔަން" އެވެ.