03 ނޮވެމްބަރ 2021 - 13:01

ކިއޭވް (ނޮވެމްބަރު 3) - ޑިނަމޯ ކިއޭވް ކޮޅަށް އަންސޫ ފާޓީ ޖެހި ލަނޑުން 1-0 ން މޮޅުވެ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު އެފްސީ ބާސެލޯނާއި ދަމަހައްޓައިފި އެވެ.
ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބާސާގެ ލަނޑު ފާޓީ ކާމިޔާބު ކުރީ 70 ވަނަ މިނެޓްގަ އެވެ. ރޭ ގެ މޮޅަކީ ބާސާގެ ވަގުތީ ކޯޗް ސާޖީ ބާހުއާންގެ ކޯޗުކަމުގެ ދަށުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ.
މޮޅާއެކު ބާސާ ވަނީ ވަރުގަދަ ބަޔާން މިޔުނިކްގެ ފަހަތުން ގުރޫޕްގެ ދެ ވަނަ މަގާމަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތީ ބެންފީކާ އެވެ. ބާސާ އޮތީ ބެންފީކާ އަށް ވުރެ ދެ ޕޮއިންޓް ކުރީގަ އެވެ. އެ ދެ ޓީމު ކުޅޭ މެޗު މި މަހު 23 ވަނަ ދުވަހުގެ ރޭ ކުޅޭނެ އެވެ.
މެޗުގެ ކުރިން ޑިނަމޯގެ ކޯޗް މިރުޗާ ލޫޗެސްކޫ ބުނީ ބާސެލޯނާ އަނެއް ބުރަށް ކޮލިފައިވާތަން ބަލަން އުނދަގޫ ކަމަށެވެ. ބާސާ އަށް ވުރެ ރަނގަޅަށް ބެންފީކާ ކުޅޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަމަކު މެޗުގައި އޭނާގެ ޓީމަށް ބާސާ ހިފަހައްޓައެއް ނުލެވުނެވެ.
ބާސާ ލީޑް ނެގުމުގެ ކުރިން އެ ޓީމުން ހީކުރީ ޕެނަލްޓީއެއް ލިބުނު ކަމަށެވެ. ކިއޭވްގެ އޭރިއާގެ ތެރެއަށް ފާޓީ ވެއްޓުމުން ރެފްރީ އޮވިއޭޑޯ ދެއްކީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. އެކަމަކު މަދު ވަގުތު ކޮޅެއްގެ ތެރޭ އޭނާ ނިންމުން ބަދަލު ކުރަން ޖެހުނީ ވީއޭއާރުން ރިވިއު ކުރުމުންނެވެ. ވީއޭއާރުން ދެއްކީ ފާޓީ އަމިއްލަ އަށް ވެއްޓުނު ކަމަށެވެ.