ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ޙައިސިއްޔަތު އިޔާދަކޮށް، އެއެސޯސިއޭޝަނަށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން އަޅާފައިވާ ސަސްޕެންޝަނުގެ އަބަދުން ވީއްލިއްޖެއެވެ.
ބީއޭއެމްގެ ޤައުމީ ހައިސިއްޔަތު ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ނަންގަވާފަވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުއެވެ. ބީއޭއެމްއާއި މެދު މި ފިޔަވަޅު އަޅާފަވަނީ އެއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ އާއި، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވާތީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު ކޮމިޝަނަރ އޮފް ސްޕޯޓްސްއިންނެވެ. އަދި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކޮށްފަވަނީ މިއަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.
މިއަދަބާ ގުޅިގެން އެ ފެޑެރޭޝަނުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އެތުލީޓުންނަށް ވަގުތީ ގޮތުން ގެއްލިގެންދިޔައެވެ. އެހެންނަމަވެސް ރާއްޖެއިން މިކަމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގެ ދަށުން އެފެޑެރޭޝަނުންވަނީ ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް އޭރު ހަމަޖައްސައިދީފައެވެ.


ބީއޭއެމްގެ އަލަށް އިންތިޚާބުވި އެކްސްކޯ މެމްބަރުން--ފޮޓޯ: ކުޅިވަރު ވުޒާރާ
ބީއޭއެމްއާއި މެދު އޭރު އެޅި ފިޔަވަޅާއެކު އެއެސޯސިއޭޝަނަށް އަންގާފަވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ބައިވެރިވުމާއެކު، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ބެޑްމިންޓަން ވާރލްޑް ފެޑެރޭޝަންގެ ބައިވެރިވުމާއެކު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސް، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ. އެހެންކަމުން މިކަންކަމަށް ރިޢާޔަތްކޮށް ބީއޭއެމްއިންވަނީ އެއެސޯސިއޭޝަނުގެ ހިންގާ ޤަވާޢިދަށް ގެންނަންޖެހޭ ބަދަލުތައް މިދިޔަ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހު ގެނެސް، އެމަހުގެ 22 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކޮށްފައެވެ.
އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްފަހު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖެއަށް ދީފައިވާ ސަސްޕެންޝަނުން ވީއްލިފަވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ބީއޭއެމް އަލުން ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި ކަނޑައެޅިކަން ކުޅިވަރު ވުޒާރާއިން އިއުލާންކޮށްފަވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
އެހެންކަމުން ބީއޭއެމްއިން މިކަންކަން އިސްލާހުކުރުމުން ކޮމިޝަނަރ އޮފް ސްޕޯޓްސްއިން މިހާރުވަނީ އެ އެސޯސިއޭޝަންގެ ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ޙައިސިއްޔަތު އަލުން އިޔާދަކޮށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ކުރިއެކޭވެސް އެއްގޮތަށް ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއް ކަމުގައި މިހާރު ކަނޑައަޅާފައެވެ. އަދި ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖެއަށް ދީފައިވާ ސަސްޕެންޝަނުގެ އަދަބުން މިހާރު ސަލާމަތްވެފަވާއިރު ބީއޭއެމްއަކީ އެފެޑެރޭޝަނުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އަލުންވަނީ ރަސްމީކޮށް ކަނޑައަޅާ އިއުލާންކޮށްފައެވެ.