ނޮވެމްބަރު މަހު މީރާއަށް 2.20 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ވިދާޅުވެއްޖެއެވެ.

މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު، 16.6 އިންސައްތަ އިތުރު ޢަދަދެއް ކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ، އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި، ގްރީން ޓެކްސް އަދި އެއަރޕޯޓު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށްވުރެ މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 10.3 އިންސައްތަ އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާއިން މީރާއަށް ލިބުނު ޢާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ވިދާޅުވެއެވެ.

މީގެއިތުރުން މިއަހަރުގެ ޖެނުއަރީ މަހުގެ 1 އިން ފެށިގެން ގްރީން ޓެކްސްގެ ރޭޓު ބޮޑު ކުރުމުންނާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަރޕޯޓު ޓެކްސް އަދި ފީ ތަކުގެ ރޭޓުތައް ބޮޑުކުރުމަކީވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ މިއަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބުނު ޢާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ފާހަގަކުރައްވައެވެ.

މީރާއިން ވިދާޅުވީ، ނޮވެމްބަރު މަހު އަންދާޒާކޮށްފައިވާ ޢާމްދަނީ އަށްވުރެ 6.7 އިންސައްތަ ޢާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ގްރިން ޓެކްސްއާއި ފަތުރުވެރިކަމުގެ ދާއިރާ ނޫން، އެހެން ދާއިރާތަކުގެ ޖީއެސްޓީގެ ގޮތުގައި ލިބުނު ޢާމްދަނީ އިތުރުވެފައިވާތީ ކަމަށެވެ. އަދި ބިން ވިއްކުމާއި، ބިން ބަދަލު ކުރުމުގެ ފީއިން ލިބުނު ޢާމްދަނީއަކީވެސް ނޮވެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިނުވާ ޢާމްދަނީތައް ކަމަށް މީރާއިން ވިދާޅުވެއެވެ.

ނޮވެމްބަރު މަހު މީރާއަށް 2.20 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް
ނޮވެމްބަރު މަހު މީރާއަށް 2.20 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް

މީރާއިން ވިދާޅުވީ، ނޮވެމްބަރު މަހު ލިބުނު ޢާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާ ކުރަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ ޖީއެސްޓީއަށް ކަމަށެވެ. އެދާއިރާގެ ޢާމްދަނީގެ 57.9 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދެވަނައަށް 12.4 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު ޢާމްދަނީއެއް ލިބުނީ، ގްރީން ޓެކްސްގެ ގޮތުގައެވެ. އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 10.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ޢާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބުނުއިރު، ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ނޮވެމްބަރު މަހު މީރާއަށް ވަނީ ބަލައިގެންފައެވެ.

ހަމައެއާއެކު ނޮވެމްބަރު މަހުގެ ޢާމްދަނީގެ 19.7 އިންސައްތައަކީ، ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށް މީރާއިން ވިދާޅުވެއެވެ. މީގެއިތުރުން ނޮވެމްބަރު މަހުގެ ޢާމްދަނީގެ 21 އިންސައްތައަކީ، މީރާއަށް ދައްކަންޖެހޭ އެހެންނަމަވެސް ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ފައިސާގެ ގޮތުގައި ލިބިފައިވާ ޢާމްދަނީއެވެ.

މީރާއިން ވިދާޅުވީ، ނޮވެމްބަރު މަހު މީރާއަށް ބަލައިގެންފައިވާ ޢާމްދަނީގެ ތެރޭގައި 103.23 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭ ކަމަށެވެ. މިއީ، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މީރާއަށް ބަލައިގަނެފައިވާ 85 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު ޢަދަދެކެވެ.