ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން 1 ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށްވެސް މީގެފަހުން ހައުސިންގ ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެކުރީގެ ހައުސިންގ ސްކީމަކުން، 1 ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތެއް ނަމަ މިހާރު އޮންނަ ގޮތުން އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގަ ކަންބޮޑުވުމަކަށްވުމުން އެކަން ސަރުކާރުން މިހާރު ބަދަލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ސްކީމްތަކަށް ކުރިމަތިލާފައި، ހޮވިއްޖިއްޔާ އެއް ކޮޓަރި އެޕާޓްމަންޓް ދޫކޮށްލާގޮތަށް މިހާރު އެފަރާތްތަކަށްވެސް ކުރިމަތިލެވޭގޮތަށް އޮންނާނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

އާއިލާގެ މެމްބަރުން އިތުރުވެ، އެއް ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެން ދަތިވި ނަމަވެސް، ހައުސިންގ ސްކީމްތަކަށް ޝަރަތު ހަމަނުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.