މާލެ ސިޓީ ކައުންސިލުން ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާއި ޙަވާލުވުމަށް މިހާތަނަށް އައިއިރު އަމަލީގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މިހެން ވިދާޅުވެފައިވާއިރު ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާއި ހަވާލުވުމަށް ސިޓީ ކައުންސިލުން މިހާތަނަށް އެއްބަސްވެފައިނުވާކަން ހާމަކުރައްވާފައެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުކަމަށްވާއިރު އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް އައިއިރު މަސައްކަތް ކުރައްވަމުން ގެންދިޔައީ އެ ސިޔާސަތުގެ ދަށުންނެވެ. ނަމަވެސް އެ މަސައްކަތަށް ސިޓީ ކައުންސިލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން މިހާތަނަށް އާއިރު ލިބިފައިނުވާކަން ސަރުކާރުން ފާހަގަކުރައްވައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެ ފޭސް 1ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް
ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ވައުދެއްކަމަށެވެ. ނަމަވެސް އެކަން ނުވެ އޮތީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން ބޭނުންނުވެ އޮތުމުންކަމަށެވެ.
"ސިޓީ ކައުންސިލުން މި ތަނުގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާކަށް ބޭނުމެއް ނުވި.ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަސް ނުވީ، ނުވީމާ އެޗްޑީސީން އަދިވެސް ވަގުތީގޮތުން އެ ބަލަހައްޓަނީ" ރައީސް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާއި ޙަވާލުވުމަށް މަސައްކަތެއް ނުކުރައްވާކަމަށް ވިދާޅުވުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ އެމަނިކުފާނުގެ ވާހަކަފުޅު ދޮގު ކުރައްވާފައެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލާއި ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު މިހެން ވިދާޅުވިނަމަވެސް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާއި ހަވާލުވުމަށް މޭޔަރު މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތަކާއި ޙަވާލުވުމާމެދު ކައުންސިލުން ގޮތެއް ނިންމަންޖެހޭއިރު، މިހާތަނަށް އައިއިރު ކައުންސިލުގައި މިހާތަނަށް ވޯޓެއްވެސް މޭޔަރު ނަންގަވާފައި ނުވާކަމަށްވެސް އަރީޝް ވިދާޅުވިއެވެ.
"ކައުންސިލުގެ ވޯޓަކަށް ނާއްސަވާ މޭޔަރަށް އެ މަސައްކަތް ކުރައްވާނެ ގާނޫނީ ގޮތަކީ ކޮބައިތޯ؟ އިޚްލާޞްތެރި ނިޔަތެއް މޭޔަރުގެ އޮތް ނަމަ ކައުންސިލުގެ ވޯޓަކާއެކު މިކަމަށް ޢަމަލީ ފިޔަވަޅު އަޅުއްވަންވީ ނޫންތޯ؟" އަރީޝް ވިދާޅުވިއެވެ.


ހުޅުމާލެ ފޭސް1އާއި ފޭސް 2 ގުޅޭ ޗެނަލް / ފޮޓޯ:އެޗްޑީސީ
އަރީޝް ވިދާޅުވީ އެޗްޑީސީން ހުޅުމާލޭގައި ދެމުންގެންދާ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވާން ޢަމަލީގޮތުން އެއްވެސް ކަމެއް ނުކުރައްވާ، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރައްވަން މީޑިއާތަކަށް މޭޔަރު ދައްކަވަނީ ދަޅައެއްކަމަށެވެ.
"މިއީ ރޯމާދުވާލު ރައްޔިތުންނަށް ފާޅުގައި ދޮގު ހެއްދެވުން" އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ ރައްޔިތުންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ސާފުކޮށް ހަގީގަތަށް، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލާ ޙަވާލުކުރައްވަން ސަރުކާރުން ކުރެއްވި ކަންކަން ވިދާޅުވެފައިކަމަށެވެ. އަދި މޭޔަރު އެކަމަށް އިޖާބަ ނުދެއްވިކަން ކައުންސިލުގައި ތިއްބެވި ހަގީގަތް ދަންނަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭކަމަށްވެސް އަރީޝް ވިދާޅުވިއެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލާއި ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމެވެ. އެގޮތުން މިހާތަނަށް އައިއިރު ސަރުކާރުން ވަނީ ކައުންސިލްތަކާއެކު ގާތުން މަސައްކަތްކޮށް، ލޯކަލް ކައުންސިލްތަކުން ސަރުކާރުގައި އެދިވަޑައިގެންނެވި ގިނަ ކަންކަން ކައުންސިލްތަކުން ބޭނުންވާ ގޮތަށް ފުރިހަމަކޮށްދެއްވާފައެވެ.