ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނެސް ރާއްޖޭގައި ދިވެހި ކުޅުންތެރިންނަށް ކުޅެވޭނެ މަގު ފަހިކުރުމަށް ގިނަ މުބާރާތްތައް ކުޅޭނެ އިންތިޒާމުތައް ހަމަޖެއްސޭތޯ ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަންނަނީ އެކަމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވަމުން ކަމަށެވެ.

”އިރާދުކުރެއްވިއޔާ މިކަމުގެ ނަތީޖާ ވަރަށް ފުރިހަމަކޮށް ރައްޔިތުންނަށް ލިބިގެންދާނެ“ ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން ވޮލީއަށް ފުޓްބޯޅައަށް އަދި ފުޓްސަލް އާއި އެހެނިހެން ކުޅިވަރުތަކަށް ބަލާލިކަމުގަވިޔަސް ހަމަ ވަރަށް ބާރަށް އެމަސައްކަތް ކުރިއަށްދާ ކަމަށާއި އިރާދުކުރެއްވިއްޔާ އެކަންކަން މިސަރުކާރުން ހާސިލް ކުރައްވާނެ ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް އެކި ރީޖަންތަކުގައި މުބާރާތްތައް ބޭއްވެން ޖެހޭ ކަމާށާއި ރަށްރަށުގައިވެސް ވަރަށް ފޯރިއާއެކު ކުޅިވަރުތައް ކުޅެވެމުން ދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން އަންނަ 2026 ވަނަ އަހަރު ބައިނަލްއަގްވާމީ ގޭމްސް އެއް ހޯސްޓްކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން ވަސީލަތްތައް ގާއިމުކުރުމުގެ ދުވެލި ހަލުވިކުރައްވާ އެސޯސިއޭޝަންތަކާއި ގުޅިގެން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިއަހަރު ނިންމާލާއިރު ރާއްޖޭގައި މިހާރު ކުރިޔަށްދާ ވިމެންސް ކާވާ ކަޕާއި، 19 އަހަރުން ދަށުގެ ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތަކާއި އައިޓީއެފް އައި އޭޓީއެފް ޓެނިސް މުބާރާތްތަކެއް ރާއްޖެއިން ވަނީ ހޯސްޓްކޮށް ބައިނަލް އަގްވާމީ އިތުބާރު ހޯދާފައެވެ. އަދި ރާއްޖޭގައި ބޭއްވި ކޮމަންވެލްތް ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއި ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ.

އަންނަ އަހަރުވެގެންދާނީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް މަގުފަހުކުރުމަށް ކުރެވޭ މަސައްކަތުގައި މުހިންމު އަހަރަށެވެ. އެގޮތުން ނޭޝަނަލް ސާފިން ސްޓޭޑިއަމާ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިަމުކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލާއި ޓެނިސް އެރީނާ އަދި ހުޅުމާލެ ފޭސް އެކެއްގައި ގާއިމު ކުރާ ބައިނަލްއަގްވާމީ ފެންވަރުގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ފަދަ މުހިންމު އެރީނާތައް ތަރައްގީވެގެން އަންނަ މަންޒަރު ފެނިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ނައިބުރައީސް ވިދާޅުވީ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކޮށް އެކަމަށް ކުރެވޭ މަސައްކަތުގެ ފޮނި ކާމިޔާބީ އިރާދުކުރެއްވިއްޔާ ފެނިގެންދާނެ ކަމަށެވެ.