މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ، މި މަހުގެ 1ވަނަ ދުވަހުއެވެ.

އެ ޕާޓީން ބުނީ ގޮތުގައި ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ، ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުުންނެވެ.

ޕީއެންސީން ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ޕްރައިމަރީ ބާއްވަނީ އެންމެ ދާއިރާއެއްގައެވެ. އެއީ އައްޑޫ ސިޓީ މޭޔަރެވެ. އެ މަޤާމަށް ޕީއެންސީގެ ޓިކެޓަށް 2 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕީއެންސީން ބުނީ، އެ ޕާޓީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވާއިރު މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޕީއެންސީން ބުންޏެވެ. މާލެ ސަރަހައްދުން ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ، އިސްކަންދަރު ސުކޫލުގައިއެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި ވޯޓުލުމަށް ޚާއްސަކޮށްފައިވާ މަރުކަޒުތަކުގައި ކުރިއަށްދާނެ ކަމަށްވެސް އެ ޕާޓީއިން ބުންޏެވެ.