އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފައްދަން މި ސަރުކާރުން ދަނީ، ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ނިންމައި، އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާ ކަމަށާއި، 1 ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ކޮށްގެން ބާއްވާ ޙަފްލާ ރޯދަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް މިއަހަރުގެ މާރޗު މަހު ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ، މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސްވެސް ބޮޑުކުރައްވާފައެވެ.

ދިވެހި ދަޢުލަތް ހިންގަން ބޭނުންފުޅު ވަނީ، ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށާއި، ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ.