ނިމުނު އަހަރުގެ މުހިންމު ހުރިހާ ޚަބަރެއް އެއްފޮތަކަށް ފެންނާނެގޮތަށް ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރި "ނިމުނު 52 ހަފުތާ 2025" ނެރެފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

"ނިމުނު 52 ހަފްތާ 2025" އަކީ އަހަރުގެ 52 ހަފުތާގައި ހިނގައިދިޔަ މުހިންމު ހުރިހާ ކަމެއް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތް ނެރުމުގެ މަސައްކަތުގައި ޕީއެސްއެމް ނިއުސްގެ ވެރިންނާއި މުވައްޒަފުން މަސައްކަތްކުރީ އެއްޓީމެއްގެ ގޮތުގައެވެ. ފޮތުގައި ހުރި ހުރިހާ ޚަބަރަކީ ޕީސްއެމް ނިއުސްރޫމުގެ ނޫސްވެރިން ލިޔެފައިވާ ޚަބަރެވެ.ފޮޓޯތައް ނެގުމުގައި ޕީއެސްއެމް ނިއުސްގެ ފޮޓޯގުރާފަރުން މުހިންމު ދައުރެއް އަދާކުރިއެވެ.

ޕީއެސްއެމް ނިއުސްގެ "ނިމުނު 52 ހަފުތާ 2025" ނެރެެފި
ޕީއެސްއެމް ނިއުސްގެ "ނިމުނު 52 ހަފުތާ 2025" ނެރެެފި

ފޮތުގެ ކުށް ފިލުވައި ފުރިހަމަކުރުމަށް ޚާއްސަ ޓީމަކުން މަސައްކަތްކުރިއެވެ. މިކަމުގައިވެސް ޕީއެސްއެމްް ނިއުސްގެ ވެރިންނާއި އެޑިޓަރުން ދުވަހުންދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރަމުން، ފޮތް ތައްޔާރުކުރުމަށް ގިނަވަގުތު ހޭދަކުރިއެވެ. މި ފޮތުގެ މުޅި ލޭއައުޓް ހަދައި ފޮތެއްގެ ސިފައިގައި ނެރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރީ ޕީއެސްއެމް ނިއުސްގެ އިންފޯގްރެފިކްސް ޓީމުގައި ހަރަކާތްތެރިވާ ޢާއިޝަތު އިޒުވީނާއެވެ.

މިފޮތަކީ އާންމު ރައްޔިތުންނަށާއި ނޫސްވެރިންނަށާއި، އޮފީސްތަކާއި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންގެ އިތުރުން މައުލޫމާތަށް ލޯބިކުރާ ފަރާތްތަކަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެކެވެ. "ނިމުނު 52 ހަފުތާ 2025" މިފޮތުގެ ޚިޔާލަކީ ޕީއެސްއެމް ނިއުސްއިން2025ވަނަ އަހަރު ކުރާނެ އައު ކަންކަމާއި ގުޅޭގޮތުން 2024ވަނަ އަހަރު ކުރެވުނުމަޝްވަރާގެ ތެރެއިން އުފެދުނު ޚިޔާލެކެވެ.

ފޮތް ނެރުމަށް އެންމެ ބޮޑު އެހީތެރިކަމަކަށްވީ ޕީއެސްއެމް ނިއުސްއިން ކޮންމެ ހަފުތާއަކު ގެނެސްދެމުންދިޔަ "ނިމުނު ހަފުތާ" ސެގްމެންޓެވެ. އެއް ހަފުތާއެއްގެތެރޭގައި ހިނގާ އެންމެހައި މުހިންމު ކަމެއް ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2ގެ ޚަބަރުގައި އަންނަނީ ގެނެސްދެމުންނެވެ. މިއަހަރަކީ މިމަސައްކަތް މިއަށްވުރެވެސް ފުރިހަމައަށް ކުރެވޭނެ އަހަރަކަށް ހެދުމަކީ ޕީއެސްއެމްގެ އަމާޒެވެ.