އިންތިހާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުމަކީ އިންތިޚާބީ ހައްޤުތައް ކަށަވަރުކުރަން މުހިއްމު ކަމެއްކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގައި މަސައްކަތްކުރާ އޮފިޝަލުންގެ ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް ޞަލާޙު ވަނީ އިންތިޚާބު ކުރިއަށްދާއިރު ޓްރެއިނަރުން ސަމާލުވާންވީ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުން ތަމްރީނުކުރުމަށްޓަކައި ބޭއްވި ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ވަނީ ނިންމާލާފައެވެ. މި ޕްރޮގްރާމަކީ އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
މި ތަމްރީނު ޕްރޮގްރާމު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިޚާބީ އޮފިޝަލުންނަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން މިފަަދަ ތަމްރީނު ޕްރޮގްރާމުތަަކަކީ ރައްޔިތުންގެ އިތުުރުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކައުންސިލް އިންތިހާބުގައި މަސައްކަތްކުރާ ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް ނިއުސް
ތަމްރީނު ފުރިހަމަކުރި ބޭފުޅުންނަކީ ކޮމިޝަނުން ބުނަން ބޭނުންވާ މެސެޖު، އެ ބުނި ގޮތަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަަން ފާހަގަކުރައްވާ ޞަލާޙު ވިދާޅުވީ، މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެނޑިޑޭޓުންގެ ހައްގުތަަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ ކަމަށެެވެ. އަދި ބައެއް ފަހަރު މީޑިއާތަކުގައި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ޞަލާޙު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަކީ މަސައްކަތުގެ ގޮތުން ބަލާއިރު އެންމެ ބުރަ އަދި އެންމެ ގިނަ ވަގުތު ހޭދަވާނެ އިންތިޚާބު ކަމަށެވެ.
"މަސައްކަތުގެ ގޮތުގައި ބަލާއިރު އެންމެ ބޮޑު އަދި އެންމެ ގިނަ ވަގުތު ހޭދަކުރާނޭ އިންތިޚާބު. މި އިންތިޚާބުތަަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ގާތްގަނޑަކަށް 3ލައްކައެއްހާ މީހުން މިވަގުތު ރާއްޖޭގައި އެބަތިބި. އެއިން ކޮންމެ މީހަކަށް ވަރަށް ގިނަ ކަރުދާސްތަކެއް ދޭ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ފާހަގަ ޖަހާނޭ ގޮތާއި، ވޯޓު ސައްހަވާނޭ ގޮތްތައް މިތާ ތި ތިބި ޓްރެއިނަރުން ބުނެދޭން މަސައްކަތްކުރާނީ." ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު ވިދާޅުުވިއެވެ.


ކައުންސިލް އިންތިހާބުގައި މަސައްކަތްކުރާ ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް ނިއުސް
ސީއެޗްއެސީގައި މިމަހުގެ 3އިން 9އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 100އަށްވުރެ ގިނަ ޓްރެއިނަރުން ވަނީ ތަމްރީނުކޮށްފައެވެ. މި ޓްރެއިނަރުންނަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތައް ކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު އަތޮޅުތެރޭގައި ފަށާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ހިނގަންވާނެ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން، ވޯޓުލުމުގެ މުޅި އިޖުރާއަތްތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދެވޭނެ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.