ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް، ވިޔަފާރިތަކުގެ އަޑުއެހުމަށް ސިލްސިލާ ޑައިލޮގް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުން މުހިންމު ކަމަށް، ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި ސީދާ މައްސަލަތައް ދެނެގަނެވިގެން ކަމަށާއި އެކަން ކުރެވޭނީ ގަވައިދުން ބައްދަލުވުންތައް ބާއްވާ، ޚިޔާލު ހޯދާއިގެންކަމަށެވެ. އެހެންކަމުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު، ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއެކު، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާނެ ކަމަށް، ވަޒީރު ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ފަހި ފުރުޞަތުތައް ދިނުމަށް މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ.


އޮތެންޓިކް މޯލްޑިވްސްގެ އަހަރީ ދުވަސް
ދިވެހިރާއްޖޭގެ އަމިއްލަވަންތަ އުފެއްދުންތައް އިޝްތިހާރުކޮށް، ވިއްކައި، އެއިން ދިވެހި އުފެއްދުންތެރިންނަށް ނަފާ ހޯދަދިނުމުގެ މަގްސަދުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި އިފްތިތާހު ކުރެވުނު ޚާއްސަ މަރުކާއެކެވެ. އޮތެންޓިކް މޯލްޑިވްސްއަށް 6 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި މަރުކާ ވެގެންގޮސްފައި މިވަނީ ރާއްޖޭގެ ފަންނުވެރިންނާއި، ކުދި ވިޔަފާރިތަކާއި، މަސައްކަތްތެރިން ރާއްޖެއާއި ރާއްޖޭން ބޭރުގެ ބާޒާރުތަކާ ގުޅުވައިދޭ އިތުބާރު ހުރި މަންސައަކަށެވެ.
2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްއަށް ހާސިލްވި އެންމެ ބޮޑު އެއްކާމިޔާބީގެ ގޮތުގައި ފާހަގަކުރެވެނީ، އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީ ވެފައިވާ ސަޕްލަޔަރުންނަށް ދުނިޔޭގެ މަޝްހޫރު އީކޮމަރސް ޕްލެޓްފޯމް، އަލީބާބާގައި ތަކެތި ވިއްކުމުގެ ފުރުޞަޠު ފަހިކޮށްދެވުމެވެ.
މިއަދު އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންގެ ގޮތުގައި 407 ވިޔަފާރިއަކުން ރަޖިސްޓަރ ވެފައިވެއެވެ. މީގެ ތެރެއިން 49 ވިޔަފާރިއަކީ ނިމުނު 2025 ވަނަ އަހަރު އަލަށް ރަޖިސްޓަރީވި ވިޔަފާރިތަކެވެ. އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންނަށް 2024 ވަނަ އަހަރު 26.4 މިލިއަން ރުފިޔާ ދޫކުރިއިރު، މި އަދަދު 2025 ވަނަ އަހަރު 31.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.


އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް / ފައިލް ފޮޓޯ: އަލީ ނަސީރު، ޕީއެސްއެމް ނިއުސް
މީގެއިތުރުން، އޯތެންޓިކް މޯލްޑިވްސްއަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި އޮތް ގޮންޖެހުމަށް ލުއި ހޯދަ ދިނުމުގެގޮތުން، އެ ފަރާތްތަކަށް ދޫކުރާ ފައިސާގެ މިންވަރެއް ޑޮލަރުން ދޫކުރުމަށް ފާއިތުވި އަހަރު ނިންމި މުހިންމު ނިންމުމާއެކު، ބޭރުން އެތެރެކުރާ މުދަލާއި ޚިދުމަތަށް ޑޮލަރުން ކުރަމުން އަންނަ މުޢާމަލާތްތައް ކުރުމުގައި ގިނަ ފަސޭތަކެއް ވަނީ ލިބިގެން ގޮސްފައެވެ.
އޮތެންޓިކް މޯލްޑްވްސްގެ މި ކާމިޔާބު ދަތުރާއެކު، މި މަރުކާ ވެގެންގޮސްފައިވަނީ އާމްދަނީގެ ފުރުސަތުތައް ހޯދައިދީ، އައު އީޖާދުތަކަށް ހިތްވަރުދީ، އަދި ސަގާފީ މަސައްކަތްތެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަޝްރޫއަކަށެވެ.
ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި މި އަހަރު ކަނޑައެޅިފައިވާއިރު މި އަހަރުވާނީ ދިވެހި އުފެއްދުންތެރިކަމަށް އުންމީދީ އަހަރަކަށްކަމަށް އޮތެންޓިކް މޯލްޑިވްސް އިން ވިދާޅުވެއެވެ. މި ފެށުނު 2026 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިތުރު ގައުމުތަކުގައިވެސް އޮތެންޓިކް މޯލްޑިވްސްގެ މަރުކާ ފުޅާވެގެންދާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ވިދާޅުވެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވަނީ 2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްގެ ބެސްޓްރ ސެލަރ އެވޯޑު 10 ފަރާތަކަށް ދީފައެވެ.