ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާ އިން 16 ވަނަ ފަހަރަށް ހޯދައިފި އެވެ.

ބާސެލޯނާ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސައުދި އަރަބިއްޔާގެ ޖިއްދާގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބާސެލޯނާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަފީނިއާ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ދެވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކޯޓޫބަރ މަހުގެ 4 ވަނަ ދުވަހަށްފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ބާސެލޯނާ އިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ރެއާލް މެޑްރިޑް އިން ނަތީޖާ އެއްވަރުކުރިތީ ދެ މިނިޓު ފަހުން ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކކޮށްދިން ލަނޑުންނެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.

މި މެޗުން ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރަފީނިއާ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ރެފްރީ ވަނީ ބާސެލޯނާގެ ފްރެންކީ ޑިޔޮންގް ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ޖުމްލަ ހަތަރު ޓީމު ވާދަކުރާ ސްޕެނިޝް ސުޕަރ ކަޕް ސައުދި އަރަބިއްޔާގައި ބާއްވަން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އަދި މި މުބާރާތް 2029 ވަނަ އަހަރާއި ހަމައަށް އެގައުމުގައި ބޭއްވުމަށް ވަނީ އެއްބަސްވެފަ އެވެ.