މި އަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ރޯދަ ބާޒާރު ފެސްޓިވަލް' އިން ސްޓޯލް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ފުރުޞަތު ހުޅުވާލާނެ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެވެ.
މިދިޔަ އަހަރުވެސް ރަމަޟާން މަހާއި ދިމާކޮށް އެޗްޑީސީއިން ވަނީ ޚާއްޞަ ބާޒާރެއް ކުރިއަށް ގެންގޮސްފައެވެ.
އެޗްޑީސީން ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ރޯދަ ބާޒާރު ފެސްޓިވަލެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސްޓޯލް ކުއްޔަށް ހިފުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.
އެޗްޑީސީން ވިދާޅުވީ، އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފަސްޓު-ކަމް ފަސްޓު ސާވް އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.
ރޯދަ ބާޒާރު ފެސްޓިވަލުގައި އެކި ކަންކަމަށް ޚާއްޞަ ކޮށްގެން ޖުމްލަ 80 ސްޓޯލެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ސްޓޯލަކީވެސް 10 ފޫޓު 10 ފޫޓުގެ ސްޓޯލްތަކެކެވެ.
ކުއްޔައް ދޫކުރުމަށް ހަމަޖެހިފައިވާ ސްޓޯލްތަކުގެ ތަފްސީލް
- މޭވާ، ތަރުކާރީ، ހިކި ކާނާ އަދި ކެއްކުމަށް ބޭނުން ކުރާ ތަކެތި - 20 ސްޓޯލް
- ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު - 24 ސްޓޯލް
- ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު - 10 ސްޓޯލް
- ކްލޯތްސް އެންޑް ވެއަރަބަލްސް - 10 ސްޓޯލް
- ހޯމް ކެއަރ އެންޑް ހާރޑްވެއަރ - 8 ސްޓޯލް
- ފާރނީޗަރ އެންޑް އިލެކްޓްރިކަލް އެޕްލަޔަންސެސް - 6 ސްޓޯލް
- ފުޑް އެންޑް ބެވަރޭޖް - 10 ސްޓޯލް
މި ފެސްޓިވަލް 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު ސްޓޯލުތަކަށް ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،000 ރުފިޔާއިން ފެށިގެން 8،500 ރުފިޔާއާއި ދެމެދުގެ އަގުތަކެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ، ސްޓޯލް ކުއްޔަށް ހިފާ ފަރާތުން ނުވަތަ ސްޓޯލުގައި ތަކެތި ވިއްކަން ހުންނަ ފަރާތުން ސްޓޯލުގައި ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން އާންމުންނަށް އުނދަގުލަކަށް ނުވަތަ ގޯނާއަކަށް ވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ކުއްޔަށް ހިފާ ފަރާތުގެ އިޙުމާލަކުން ކުއްޔަށް ދޫކޮށްފައިވާ ސްޓޯލް ނުވަތަ ފެސްޓިވަލް ހިނގާ ސަރަޙައްދަަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ކުއްޔަށް ހިފާ ފަރާތުން އުފުލަންވާނެ ކަމަށެވެ.
ސްޓޯލު ބޭރުގައި ޢާންމު ސަރަޙައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެވެ. އަދި ސްޓޯލު ދީފައިވާ ފަރާތުން އެހެން ފަރާތަކަށް ކުއްޔައް ދިނުމަކީވެސް މަނާ ކަމެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.