ނޮބެލް ޞުލްޙައިގެ އިނާމު ލިބޭ މީހަކާ އެ ޝަރަފު ވަކި ނުކުރެވޭނެ ކަމަށް ނޯވެއިޖަން ނޮބެލް ކޮމިޓީއިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮބެލް ޞުލްޙައިގެ އިިނާމު ބޭނުންފުޅުވާ ކަމަށް ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންނެވެ. ނަމަވެސް 2025ވަނަ އަހަރު އެ އިނާމު ލިބިފައި ވަނީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު، މާރިޔާ ކޮރީނާ މަޗާދޯއަށެވެ. އޭނާ މިހާރު ވަނީ ނޮބެލް މެޑަލް ޓްރަމްޕްއަށް އަރުއްވާފައެވެ. ޓްރަމްޕް އެ މެޑަލްއާ ޙަާލުވެވަޑައިގަންނާ އޭނާ ވަނީ މަޗާދޯއަށް ޝުކުރު ޢަދާ ކުރައްވައިފައެވެ.

ދެ ބޭފުޅުންގެ ނަން ބަޔާން ނުކޮށް ނޮބެލް ކޮމިޓީއިން ނެރުނު ބަޔާނެއްގައި ބުނީ ނޮބެލް އިނާމުގެ ޙައްޤުވެރިންނަށް ދޭ މެޑަލްއާއި ޑިޕްލޮމާއާއި ފައިސާގެ އިނާމާގެ ގޮތުގައި ލިބޭ 1.19 މިލިޔަން އެމެރިކާ ޑޮލަރާ މެދު ބޭނުން ގޮތަކަށް ޢަމަލު ކުރުމުގެ އިހްތިޔާރު އިނާމުގެ ހައްޤުވެރިންނަށް އޮންނަ ކަމަށެވެ. އެ ގޮތުން އެ ތަކެތި ހަދިޔާކުރުމާއި ވިއްކާލުމުގެ ހައްޤު ވެސް އެ ބޭފުޅުންނަށް ލިބިގެންވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެ އިނާމުތައް ކޮެންމެ ބަޔަކަށް ދިން ނަމަވެސް، ނޮބެލް ޞުލްޙައިގެ ޝަރަފު، އިނާމު ލިބުނު ފަރާތާ ވަކިނުކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އިނާމު ލިބުމަށްފަހު އިނާމު ލިބުނު ފަރާތްތަކުން އެ އިނާމާމެދު ކަންތައް ކުރާ ގޮތާމެދު ނޮބެލް ކޮމިޓީއިން ބަހެއް ނުބުނާނެ ކަމަށް ވެސް އެ ކޮމިޓީން ބުނެފައިވެއެވެ.

މިއީ ނޮބެލް އިނާމު ލިބުނު ބޭފުޅަކު އެ ބޭފުޅެއްގެ އިނާމު އެހެން ބޭފުޅަކަށް އަރުވާ ފުރަތަމަ ފަހަރެއް ނޫނެވެ. 1943ވަނަ އަހަރު އެ އިނާމު ލިބިވަޑައިގެންނެވި ކްނުޓް ހެމްސަން ވަނީ އެހެން ބޭފުޅަކަށް އެ އިނާމު އަރުއްވައިފައެވެ. 2022ވަނަ އަހަރު އެ އިނާމު ލިބިވަޑައިގެންނެވި ދިމިތުތީ މުރަތޮވްވަނީ އޭނާގެ މެޑަލް 100 މިލިޔަން އެމެރިކާ ޑޮލަރަށް ވިއްކާލައި، ޔޫކްރެއިންގެ ޙާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް އދގެ ކުޑަކުދިންނާ ބެހޭ ފަންޑު، ޔުނިސެފަށް އެ ފައިސާ ހަދިޔާކޮށްފައެވެ. 2024ވަނަ އަހަރު އދގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާންގެ ހުވަފަތް އަނބިކަނބަލުން ވަނީ ފިރިކަލުންގެ މެޑަލްއާއި ޑިޕްލޮމާ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ހަދިޔާކުރައްވައިފައެވެ.