އިންޑޮނޭޝިއާގެ ދެކުނު ސުލާވެސީ ޕްރޮވިންސްގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް، ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައިވަނީ، 8 ކުރޫއިންނާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރީން އެފެއާޒް އެންޑް ފިޝަރީޒްގެ 3 އޮފިޝަލުންގެ ފުރާނަ ގެއްލިދިޔަ މިހާދިސާއާ ގުޅިގެން ކުއްލި ސިހުމަކާއި ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ.
President sends condolences to President of Indonesia following plane crash in South Sulawesihttps://t.co/OSipeEh5yIpic.twitter.com/biNjrDqxla
— The President's Office (@presidencymv)January 19, 2026
ރައީސް ސުބިއަންތޯއާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ހަމަމިއާއެކު، މީހުން ހޯދައި ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަން، ކާމިޔާބުކަމާއެކު ކުރިއަށްދަވާނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައިވަނީ ވިދާޅުވެފައިވެއެވެ.