ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "އެކްރޮސް މޯލްޑިވްސް 2026"ގެ ނަމުގައި ކަނޑު އަޑީގައި ރެކޯޑެއް ގާއިމުކުރުމަށް ކުރިއަށްގެންދާ ތާރީޚީ ހަރަކާތެއް އިއުލާންކޮށްފިއެވެ. ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން 23 ޖެނުއަރީ 2026ގައި ފަށާ މި ހަރަކާތުގައި ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރުކުރުމަށް ވަނީ އަމާޒުހިފާފައެވެ.
ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެއެވެ. މި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނައި، 'ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް' (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެއެވެ.

މި ހަރަކާތުގައި ގާއިމްކުރުމަށް މަސައްކަތްކުރާނެ ރެކޯޑްތަކަކީ:
● ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުން.
● އެއް މަސްދުވަހުގެ ތެރޭގައި ޑީ.ޕީ.ވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުން.

ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރެއް - ފޮޓޯ: ޔޫރޯ ޑައިވާރސް ކަގި މޯލްޑިވްސް
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އެޑްވެންޗަރ ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ "ކަނޑުގެ ގައުމެއް" ގޮތުގައި ދުނިޔެއަށް ދައްކުވައިދީ، ކަނޑުއަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން އިޝްތިހާރުކުރުމެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ތަފާތު ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތަކުގެ އިތުރުން، ދިވެހިންނާއި ކަނޑާއި އޮތް މުހިންމުކަމާއި ސަގާފީ ގުޅުން ދައްކުވައިދޭނެއެވެ.
މި ދަތުރުގެ ތެރެއިން ޕާޓްނަރުންނާއި ރަށު ކައުންސިލްތަކުގެ ހެޔޮ އެދުންތަކާ އެކު، ބައެއް ރަށްރަށުގައި ޑައިވަރ ޝަފްރާޒް މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެތެރެއިން ރަށްރަށަށް ކުރާ ޒިޔާރަތްތަކުގެ ޚާއްޞަ ފޮޓޯއާއި ވީޑިއޯގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު ވާހަކަތަކާއެކު ދުނިޔެއަށް ފެންނާނެހެން ޑޮކިއުމަންޓް ކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
"އެކްރޮސް މޯލްޑިވްސް 2026" އަކީ ވިޒިޓް މޯލްޑިވްސް އާއި ޑައިވަރ ޝަފްރާޒް ނައީމް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަޝްރޫޢުގެ ޓެކް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިފައިވާއިރު، އެއަރލައިން ޕާޓްނަރަކީ ބިޔޯންޑް އެއަރލައިންސެވެ.