މޮޅުނުވާނަމަ ފާޑުކިއުންތައް ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް ލިވަޕޫލްގެ ސަޕޯޓަރުންގެ ޑިމާންޑް މަތިވެފައިވާއިރު ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ލިބުނީ އެންމެ ދެ ތަށި ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.
އޭނާ މިހެން ބުނީ މި ސީޒަނުގައި ބޮޑު ހަރަދެއްކޮށް ލިވަޕޫލަށް ގިނަ މެޗުތަކުގައި ނަތީޖާ ނުނެރެވޭތީވެ ފާޑުކިއުން އިންތިހާ އަށް އިތުރުވެ، އޭނާގެ ވަޒީފާ ގެއްލިދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީވެ އެކަމަށް ޖަވާބު ދެމުންނެވެ.
ސްލޮޓްގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ލިވަޕޫލުން ކާމިޔާބު ކުރި ނަމަވެސް މި ސީޒަނުގެ ދެބައިވެފައިވާއިރު ޓީމު އޮތީ ހަ ވަނާގަ އެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
"އެންމެން ވެސް އުއްމީދު ކުރަނީ ތައްޓަށް. އެކަމަކު ހަގީގަތަކީ މިދިޔަ ތިން އަހަރު ތެރޭގައި ލިވަޕޫލަށް ބޮޑެތި މުބާރާތްތަކުން މާރަނގަޅު ކާމިޔާބީތަކެއް ހޯދިފައި ނެތްކަން. ތިން އަހަރުން ލިބިފައިވަނީ އެންމެ ޕްރެމިއާ ލީގަކާއި ކަރަބޯ ކަޕެއް. އެހެންވީމާ އަހަރުމެން މިދިޔަ ތިން އަހަރު ތެރޭގައި މިތިބީ އެންމެ މަތީ ފެންވަރުގަ ނޫނޭ ބުނަން ޖާގަ އެބައޮތް،" މިދިޔަ ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
ނަމަވެސް ކާމިޔާބު ކޯޗު ޔާގެން ކްލޮޕްގެ ނުވަ އަހަރު ތެރޭގައި ލިވަޕޫލް ވަނީ ނުވަ ތަށި ހޯދައިފަ އެވެ. މީގެ ތެރޭގައި ޕްރެމިއާ ލީގަކާއި ޗެމްޕިއަންސް ލީގަކާއި ކުލަބު ވޯލްޑް ކަޕެއް ވެސް ހިމެނެ އެވެ. އަދި ޔޫރޮޕާ ލީގުގެ އެއް ފައިނަލާއި ޗެމްޕިއަންސް ލީގު ފައިނަލުގައި ތިން ފަހަރު ކުޅުނެވެ.
ކްލޮޕް ކޯޗުކަން ދޫކޮށްލުމުން ޓީމާ ހަވާލުވި ސްލޮޓަށް އަމާޒުވާ ފާޑުކިއުންތަކާ ގުޅިގެން އޭނާ ބުނީ ޓީމު ރަނގަޅަށް ކުޅޭ ކަމަށާއި މިވަގުތު އެންމެ ބޮޑު މައްސަލައަކީ ލިވަޕޫލް މެޗު ޑޮމިނޭޓްކޮށް، ހޯދާ ޗާންސްތައް ގޯލަކަށް ހަދާނުލެވި ބައިކޮޅަށް ގޯލު ވަނުން ކަމަށެވެ.
"އަހަރެން އުއްމީދު ކުރަނީ މި ބެލެންސް ކުޅުންތެރިން ގެންނާނެ ކަމަށް. އަހަރުމެން ދެ ބޮކްސް ދޭތެރޭގައި ވަރަށް ރަނގަޅަށް ކުޅެ. ޗާންސް ވެސް ހޯދާ. އެކަމަކު ގިނަ ފަހަރު ބައިކޮޅަށް ގޯލު ވަދޭ. ދެން ގިނަ ޓީމުތައް އަހަރުމެންނާ ދެކޮޅަށް ކުޅެނީ ވަރަށް ދިފާއީ ކުޅުމެއް. ފަހަރުގައި މަޑުކޮށްގެން ތިބެނީ. މީގެ ސަބަބުން އަހަރުމެންނަށް މޮޅުވާން ދަތިވޭ،" ކޯޗު ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލްގެ ޑިފެންސް ލައިން ވަނީ ވަރަށް ބޮޑަށް ހާއަޅައިފަ އެވެ. އިބްރާހީމާ ކޮނާޓޭގެ ބައްޕަ ނިޔާވެގެން އޭނާ ނުކުޅެ ހުންނަތާ މިހާރު ދެ މެޗު ފާއިތުވެއްޖެ އެވެ. މިރޭ ވެސް އޭނާ ނުކުޅޭނެ އެވެ. އަދި ޖޯ ގޮމޭޒަށް ވެސް ވަނީ ހާނިއްކަވެފަ އެވެ. މިހެންވެ ސެންޓްރަލް ޑިފެންޑަރަކަށް މިރޭ ފިޓްކޮށް ހުރީ ކެޕްޓަން ވާޖިލް ވެންޑައިކް އެކަންޏެވެ.
ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާތީވެ ސްކޮޓް މަގާމުން ވަކިކުރާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.
މައްސަލައަކީ ތިން އަހަރުން ލިވަޕޫލަށް އެންމެ ދެ ތަށި ލިބުން: ސްލޮޓް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed