ތުރުކީގެ ބެސިކްޓަސް އަށް ކުޅެމުންދިޔަ އިނގިރޭސި ފޯވަޑް ޓެމީ އަބްރަހަމް އެނބުރި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާ އަށް ސޮއިކޮށްފި އެވެ.
އުމުރުން 28 އަހަރުގެ އަބްރަހަމް އެސްޓަން ވިލާ އަށް ސޮއިކޮށްފައިވަނީ 18.25 މިލިއަން ޕައުންޑުގެ ފީއަކަށް ހަތަރު އަހަރާއި ބައިގެ މުއްދަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ އިން 2021 ވަނަ އަހަރު އިޓަލީގެ ރޯމާ އަށް ބަދަލުވުމަށްފަހު އަބްރަހަމް ވަނީ އެ ކްލަބަށް ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އަދި ޖެހިގެން އައި ސީޒަނުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި 10 މަސް ހޭދަކުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް އެދެވޭ ކުޅުމެއް ރޯމާ ގައި ނުދެއްކުމާއި ގުޅިގެން އޭނާ އެކްލަބުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ބަދަލުވެފަ އެވެ.
ނިމިގެންދިޔަ ހޫނު މޫސުމުގައި ބެސިކްޓަސް އަށް އަބްރަހަމް ބަދަލުވެފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ރޯމާ އިންނެވެ. އަދި ބެސިކްޓާސް އިން ވަނީ އޭނާ ގަނެވޭ ގޮތަށް އެއްބަސްވުމުގައި އޮތް މާއްދާ ގައި ބުނާ ގޮތަށް 11 މިލިއަން ޕައުންޑު ރޯމާ އަށް ދިނުމަށްފަހު އަބްރަހަމް ގަނެފަ އެވެ.
އަދި އެ މާއްދާ އެކްޓިވޭޓް ކުރިތާ 24 ގަޑިއިރު ނުވަނީސް ބެސިކްޓަސް އިން ވަނީ 18.25 މިލިއަން ޕައުންޑަށް އަބްރަހަމް އެސްޓަން ވިލާއަށް ވިއްކާލާފަ އެވެ.
އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އަބްރަހަމް ވަނީ އެސްޓަން ވިލާ އާއި ގުޅުމަށް އޭނާގެ މުސާރަވެސް ކުޑަކޮށްފަ އެވެ. އަދި އޭނާ އެނބުރި ޕްރިމިއާ ލީގަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް އޮތް ވޯލްޑްކަޕްގައި ވާދަކުރާ އިނގިރޭސި ސްކޮޑުން ފުރުސަތު ހޯދުމެވެ.
އަބްރަހަމް އެންމެ ފަހުން އިނގިރޭސި ގައުމީ ޓީމަށް ކުޅެފައިވަނީ 2022 ވަނަ އަހަރު ނޭޝަންސް ލީގުގައި އިޓަލީ އާއި ދެކޮޅަށެވެ.
ޓެމީ އަބްރަހަމް އެނބުރި ޕްރިމިއާ ލީގަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed