މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް ފަށައިފިއެވެ.

މިއަދު ފެށި މި ކޭމްޕް ކުރިއަށްގެންދަނީ ދެ ދުވަހުގެ މުއްދަތަށް ހުޅުލޭގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައެވެ. މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެމްއޭސީއެލްގެ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް މި އަހަރު ފައްޓަވައިދެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދުއެވެ. މި ރަސްމިއްޔާތުގައި ބްލަޑް ސަރވިސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.

އެމްއޭސީއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި
އެމްއޭސީއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެން ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. އެއީ ލޭ ލިބުން ދަތިވެ, އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެމްއޭސީއެލުން ކޮންމެ އަހަރަކު ބާއްވާ މި ކޭމްޕްގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާ ކުރެއެވެ.