ސަރުކާރުން ހުށައަޅާފައިވާ 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމަށް ނިންމާފައިވަނީ އެއްވެސް ގެއްލުން ނުވާނެ ގޮތަށްކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ މިއިންވެސްޓްމަންޓާއި ގުޅިގެން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓަމަންޓްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ޕެންޝަން އޮފީހަށް ހުށައަޅާފައިވާ 2.4 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބޮންޑް އިންވެސްޓްމަންޓާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ޕެންޝަން އޮފީހުން ވިދާޅުވީ، ދިވެހި ރުފިޔާއިން އަދި ބޭރު ފައިސާއިން ބޮންޑުގެ ރިޓަރން ލިބޭގޮތަށް އިންވެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ރިޢާޔަތްކޮށް މި އިންވެސްޓްމަންޓްގެ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޜަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިޔަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިންކަމަށް އެއޮފީހުން ވިދާޅުވެއެވެ.


އެއޮފީހުން ވިދާޅުވީ، މިގޮތަށް އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމާވައިވަނީ ސެކަންޑަރީ މާކެޓުގައި ވިއްކާލަންޖެހޭ ބޮންޑުތައް ވިއްކުމުގައި ޕެންޝަން ފަންޑަށް އެއްވެސް ގެއްލުން ނުވާނެ ފަދަ ގޮތަކަށްކަމަށެވެ. އަދި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފައާއި އެއްގޮތަށް އިންވެސްޓަމަންޓުތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންތެރިކަން ހަރުދަނާކުރުމުގެ ގޮތުންކަމަށް އެބަޔާނުގައިވެއެވެ. އަދި އިންވެސްޓްމަންޓުތަކުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓުކުރުމާއި، އިންވެސްޓްކޮށްފައިވާ އެސެޓުތަކުގެ އެވްރެޖް ޑިއުރޭޝަން ދިގުކުރުމާއި، ޕޯޓްފޯލިއޯ ރިޓަރން އިތުރުކުރުމަށްކަމަށް ޕެންޝަން އޮފީހުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

މިއާއެކު ބާޒާރުގައި ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް ދިގުމުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތުވެސް މިމުޢާމަލާތުން ލިބިގެންދިޔުމާއެކު ޕޯޓްފޯލިއޯ ރިޓަރން އިތުރުކުރެވޭނެކަމަށް އެއޮފިހުން ވިދާޅުވެއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ އެއޮފީހުގެ ކަންކަން އިންތިޒާމުކުރަނީ ޕެންޝަން ފަންޑުގެ ބައިވެރިންގެ މަސްލަޙަތު އިސްކޮށް މެމްބަރުންނަށް އެންމެ ފައިދާހުރި ގޮތަކަށްކަމަށެވެ. އަދި ސަރުކާރުން ހުށައެޅި 2.4 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބޮންޑު ވިއްކުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ޕެންޝަނާ ބެހޭ ޤާނޫނާއި ގަވާއިދުގެ ތެރެއިންކަމަށްވަނި ބަޔާންކޮށްފައެވެ.