އިސްލާމީ ދާއިރާއިން 90 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި މިއަހަރު މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި 7 އިސްލާމީ މަރުކަޒާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 3 ގޮތްޕަކާއި 6 ވަޤުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.

ރައީސް ވިދާޅުވީ ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމާ ހުޅުވިކަމަށެވެ. އަދި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށާއި މިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ޚަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ޚާރަދުކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.