މި ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގައި 31 ޙާފިޡުންނަށް ޝަރަފުވެރިކަމާއެކު ރަންތާޖު އެރުވުން އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިއަހަރުގެ ޙާފިޡުންގެ ދަސްވެނިވުމުގެ ޙަފްލާގެ އެންމެހާ ކަންކަން މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހަދާ ޙާފިޡުކަމުގެ އިމްތިޚާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި ތިއްބަވަނީ ތަޖުރިބާކާރު ޙާފިޡުން ކަމަށެވެ.

ދަރިވަރުންގެ އިމްތިޙާން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކޮންމެ ދުވަހަކު މަދުވެގެން 1 ފޮތް ހިތުން ކިޔައިދީ، މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމަން ޖެހޭ ކަމަށެވެ. އަދި ބައެއް ދަރިވަރުން ދުވާލަކު 2 ފޮތް ވެސް ކިޔައިދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިހާރު މާލޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި، އިސްލާމީ ޔުނިވަރސިޓީގައި ޙިފްޡު ކޮމިޓީތައް ކަނޑައޅާފައިވާ ކަމަށާއި، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައިވެސް މިފަދަ ކޮމިޓީއެއް ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޅ. އަތޮޅަކީ މާލެއާއި ސިޓީތައް ފިޔަވައި އެންމެ ގިނަ ޙާފިޡުން އުފެދޭ އަތޮޅަށްވާތީ، މިއަހަރުގެ ތެރޭގައި އެ އަތޮޅުގައިވެސް ޙިފްޡު ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މިއަދު ފެންނަމުން މިދަނީ މިދާއިރާއިން ކުރިއެރުންތައް ލިބެމުންދާތަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ، ރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ދަސްވެނިވާ ފަހަރެވެ.