އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި މިރޭ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ. އެސްޓީއޯއިން ވިދާޅުވީ، މި ފިހާރަ ހުޅުވާފައިވަނީ ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ.

މި ފިހާރަ ހިމެނޭހެން ގްރޭޓަރ މާލެ ސަރަޙައްދުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން އާންމުކޮށް ކެއުމުގައި ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނޭ މޭވާގެ ބާވަތްތަކަކީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ.

މީގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ތަރުކާރީގެ ބާވަތްތައް ކަމަށްވާ ރަތް ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ އަދި ބޯވެލިވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.

ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކުގެ ތެރެއިން ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށިވެސް އެސްޓީއޯގެ މި އައު ފިހާރައިން އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.